މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައްކަންޖެހޭ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕަބްލިކް ސަރވިސް މީޑިއާ) ޕީއެސްއެމް( އިން ދައްކައިފިއެވެ.
އެމްއެންބީސީ އިން ބިގަށް 78 މިލިޔަން ރުފިޔާ ދައްކަން ޖެހުނީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ޖޫރިމަނާ އާއި އެކު 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރުމާއި ގުޅިގެންނެވެ. މި ހުކުމާއެކު ހަމައެކަނި ޖޫރިމަނާގެ ގޮތުގައިވެސް 72.9 މިލިޔަން ރުފިޔާ ދައްކަން ޖެހެއެވެ.
ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެމްއެންބީސީ އަކީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.
ބިގް ގެ 90 ޕަސެންޓް ހިއްސާދާރަކީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލެވެ.