"އަލްހާން ސްޓްރީޓް ސޮކާރ ކަޕް" ބޭއްވި މައްސަލާގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ތަހުގީގު ކުރުމަށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.
އަލްހާންގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް މިއަދު ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓްގައި ބުނެފައި ވަނީ، އޭނާ އޭސީސީއަށް ހާޒިރު ކުރަނީ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށްވެ ހުންނަވައިގެން، ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމުތައް ދޭ ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.
އަލްހާން ފަހުމީ އޭސީސީއަށް ހާޒިރު ކުރަނީ މިއަދު މެންދުރުފަހު 15:00 އަށެވެ.
މިކަމާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ ފުޓްބޯޅަ މުބާރާތް ބާއްވާ އިޖުތިމާއީ ހަރާކާތް ހިނގާ ހެދުމަކީ ވަކި މީހަކަށް އޮން ކަމެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެއް ގޮތަކަށް ވެސް އެނގި ވަޑައިގެންފައިނުވާ ކަމަށެވެ.
"ދެން އެހެން ނަމަވެސް ވެދާނެ ބަޔަކު މައްސަލައެއް ހުށަހެޅުމުން އެކަމެއް ބަލައިލަން އޭސީސީން އުޅުއްވަނީ ކަމަށްވެސް. އޭގެ ކުރިން އަޅުގަނޑު ދަންނަވަން އޮތީ މި މުބާރާރަކީ ވެސް ވަކި ބަޔަކަށް ހުޅުވާލި މުބާރާތެއްވެސް ނޫނޭ ބޭނުން ކޮންމެ ބަޔަކަށް ބައިބެރިވެވޭ ގޮތަށް ހުޅުވާލި މުބާރާތެކޭ މިއީ،" އަލްހާން ވިދާޅުވިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުން 33 ޓީމް ބައިވެރިވެގެން އަލްހާން ސްޓްރީޓް ސޮކާ ކަޕް ބޭއްވީ މިދިޔަ ފެބުރުއަރީ 29 ގަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ބޭއްވި އެ މުބާރާތުގައި އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ދީފަ އެވެ.