މިއަދުން ފެށިގެން މާލެއާއި އެއް އަގަށް އަދި ކާޑުގެ ބާވަތްތައް ގަންނަން ލިބޭނީ އެސްޓީއޯގެ އަގަށް ކާޑު ވިއްކައިދޭނެ އެޖެންޓުން މިހައިތަނަށް ހަމަޖެއްސިފައިވާ 112 ރަށުން ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެސްޓީއޯ ކާޑު އެޖެންޓުން ހޯދުމަށް އިއުލާންކޮށް، އެކަމަށް އިޖާބަދިން ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެއްސިފައިވަނީ 112 ރަށެއްގައި ކަމަށާއި އަދި އިތުރު 10ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށްއެކުންފުނިން މިވަގުތު ދަނީ ތައްޔާރުވަމުން ކަމަށެވެ.
މީގެ އިތުރުން، އެސްޓީއޯ ކާޑު އެޖެންޓުކަމަށް މިހައިތަނަށް އެކަށީގެންވާ ހުޅަހެޅުމެއް ލިބިފައިނުވާ61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާއި ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުން ކަމަށްވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
ރާއްޖޭގެ ކާޑުގެ ވިޔަފާރީގެ ތާރީޚުގައި މިއަދަކީ ފާހަގަކޮށްލެވޭނެ ދުވަހެކެވެ. މާލެ އާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ރާއްޖޭގެ ހުރިހާ ރަށަކުން ގަންނަން ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް ކުރީގެ ސަރުކާރުތަކުން ބުނެފައިވީނަމަވެސް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި މާލެއާއި އެއްއަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކަން ފެށި މިއީ ފުރަތަމަ ދުވަސްކަމުގައިވާތީއެވެ.
އެސްޓީއޯގެ ބަޔާން:
މާލެއާ އެއްއަގެއްގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހަނޑޫ، ހަކުރު، އަދި ގޮދަންފުށް ގަންނަން ލިބޭނެ އިންތިޒާމްހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުންތަންފީޒުކުރުމުގެ މަސައްކަތް އެސްޓީއޯއިން ގެންދަނީ ކުރަމުންނެވެ. މިގޮތުން، އެސްޓީއޯ ކާޑު އެޖެންޓުން ހޯދުމަށް އިއުލާންކޮށް، އެކަމަށް އިޖާބަދިން ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް 112 ރަށެއްގައި ވަނީ އައްޔަން ކޮށްފައެވެ.
އަދި އިތުރު 10ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްއެކުންފުނިން މިވަގުތު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، އެސްޓީއޯ ކާޑު އެޖެންޓުކަމަށް މިހާތަނަށް އެކަށީގެންވާ ހުޅަހެޅުމެއް ލިބިފައިނުވާ61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުންނެވެ.
އެސްޓީއޯ ކާޑު އެޖެންޓުންނަށްކާޑު ދޫކުރުމުގެ މަސައްކަތް އެކުންފުނިން މާރޗް 26 ގައި ވަނީ ފަށާފައެވެ. ވުމާއެކު، އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މި އަގުތަކުގައި މިއަދުން ފެށިގެން ކާޑު ގަންނަން ލިބޭނެއެވެ. އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި ވީހާވެސް އަވަހަކަށް ހުރިހާ ރަށަކަށް އެޖެންޓުން ހަމަކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯ ކާޑު އެޖެންޓުން މުޅި ރާއްޖޭގައި ކާޑު ވިއްކުމަށް ހަމަޖެހިފައިވާ އާންމު އަގުތައް:
ކާޑުގެ ބާވަތް ހަނޑޫ ހަކުރު ގޮދަންފުށް
ކިލޯ 4.80 ރ 4.82 ރ 3.80 ރ ބަސްތާ 240 ރ 241 ރ 190 ރ