ބީއެމްއެލް ވާއު ކިޑްސްގެ މިއަހަރުގެ ހަރަކާތް ހުޅުމާލޭގައި ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ބީއެމްއެލް އަދި ޓީއެފްޖީ އިން ބުނެފިއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާގުޅިގެން ކުރިއަށްގެންދާ ދުވުމުގެ ހަރަކާތެކެވެ.
މި އޭޕްރިލް މަހުގެ 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ހަރަކާތާއިބެހޭގޮތުން ޓީއެފްޖީގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ މި އަހަރުގެ ރަން ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
މިއަހަރުގެ ދުވުމުގައި އިތުރު ޢުމުރުފުރާތަކަށް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށާއި މި އަހަރުގެ ވާއު ކިޑްސް ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ރަންއާ އެއްގޮތަށް މި އަހަރުވެސް ރަޖިސްޓްރޭޝަނާ އެކު ފަންޑް ރެއިޒިންގ ޕްލެޓްފޯމެއް ޤާއިމް ކުރާނެ ކަމަށެވެ. އަދި މި އަހަރު އަމާޒަކީ އާކް އާއި ބީއެމްއެލްއާ ގުޅިގެން މުޅި ރާއްޖެ ހިމެނޭ ގޮތަށް އެންޓި ބުލީންގއަށް ޚާއްޞަކުރުން ކަމަށެވެ.
ޓީއެފްޖީގެ ސީއީއޯ އަދި މާސްޓަރ ޓްރެއިނަރ ހުސައިން ޒިނާނު ވިދާޅުވީ ކުރިއަށް އޮތް 5 ދުވަސްތެރޭގައި ރެޖިސްޓްރެޝަން ހުޅުވާލާނެ ކަމަށެވެ. ރަޖިސްޓްރޭޝަނަށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން run.mv އަށް ދިޔުމުން ރޭހުގައި ބައިވެރިވެވޭނެ ކަމަށާއި ރަޖިސްޓްރޭޝަން އޯޕަން ކުރުމަށް ޚާއްޞަ ކައުންޑައުނެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 1000 ކުދިންނަށް ބައިވެރިވެވޭގޮތަށް އަމާޒުކޮށްގެން ބާއްވާ މި އަހަރުގެ ރޭހުގައި 4 އަހަރާއި 6 އަހަރާ ދެމެދުގެ ގްރޫޕާއި 6 އަހަރާއި 8 އަހަރާ ދެމެދުގެ ގުރޫޕާއި 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވުމަށް ނިންމާފައިވަނީ ބެލެނިވެރިންނާއެކުގައެވެ.
އެހެންނަމަވެސް 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ބެލެނިވެރިން ނުލާ ނުވަތަ އެކަނި ދުވާ އިރު، 4-6 އަހަރާއި 6-8 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނީ ދެ ކިލޯމީޓަރުގެ ދުވުމުގައެވެ. އަދި 8-10 އަހަރާ ދެމެދުގެ ކުދިން 3 ކިލޯމީޓަރު ދުވުމުގައި ބައިވެރިވާ އިރު،10-13 އަހަރާ ދެމެދުގެ ކެޓަގަރީގެ ކުދިން ދުވާނީ 4 ކިލޯމީޓަރަށެވެ.
ބީއެމްއެލް ވާއު ކިޑްސް ރަންގެ 4 ވަނަ ބޮޅު މިއަހަރު ފުރިހަމަކުރަން ތައްޔާރުވަމުން އަންނަ އިރު، ފައިބެއަހަރު ހިންގި ފަންޑް ރެއިޒް ހަރަކާތުގައި އެއްލައްކަ ރުފިޔާ ވަނީ ލިބިފައެވެ.
އެހެންކަމުން އުންމީދު ކުރަނީ މިއަހަރުވެސް އެ ޢަދަދާއި އެއްވަރު ނުވަތަ އެއަށްވުރެ އިތުރުވާނެ ކަމަށެވެ.