އެކްސިޑެންޓްތަކުގައި އަނިޔާވާ ފަރާތްތަކަށް އަވަސް ފަރުވާ ދިނުމަށް އޭޑީކޭއިން ޕެރެމެޑިކް ސައިކަލެއް ތައާރަފުކޮށްފި އެވެ.
ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޕީއޭއިން އިންތިޒާމުކޮށްގެން ހެންވޭރު ދަނޑުގައި އިއްޔެ ބޭއްވި ފެއާގައި ތަޢާރަފްކުރި ޕެރެމެޑިކް ސައިކަލަކީ، މުޅިން އަލަށް ރާއްޖޭގައި ތައާރަފުކޮށްފައިވާ ހިދުމަތަކަށްވާއިރު އަވަސް ފަރުވާ ދެވޭނެ ގޮތަށް ބޭނުންވާ އާލާތްތައް އެޅޭނެ ގޮތަށް ކުޑަ ފޮށްޓެއްް މިސައިކަލު ފަހަތުގައި ހަރުކޮށްފައިވެ އެވެ.
އޭޑީކޭގައި އަލަށް ތަޢާރަފް ކުރެވުނު މިހިދުމަތާ ގުޅޭ މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ މި ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ހަފްތާއެއްހާ ދުވަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"މި ހިދުމަތް ރަސްމީކޮށް ދޭން ފެށުމުން އަނިޔާވެފައިވާ މީހާ އޮންނަ ހިސާބަށް އެމްބިއުލާންސް ދިއުމުގެ ކުރިން ޕެރެމެޑިކް ސައިކަލު ގޮސް، އަނިޔާ ވެފައިވާ މީހާއަށް އަވަސް ފަރުވާ ދޭނެ" އަފްއާލް ވިދާޅުވި އެވެ.
މިޚިދުމަތް ރަސްމީކޮށް ފެށުމާއެކު، މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އާންމުންނާއި ޙިއްސާ ކުރައްވާނެ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.