ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ކާމިޔާބު ކަމާއެކު ހައިސްޕީޑް ފައިބަރ އިންޓަރނެޓް މުޅިރާއްޖޭގެ ގޭބިސީގެ 75% އަށް ފޯރުކޮށްދީފިއެވެ. މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.
މި ތާރީޚީ ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ 14 އެޕްރީލް 2019 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ޚާއްޞަ ހަފްލާއެއް ބާއްވާފައިއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
2012 ވަނަ އަހަރު ދިރާގުން ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމަށް ހިންގި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫޢު ނިންމާލެވުނުއިރު ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަޅައި ވަރުގަދަ މުވާސަލާތީ ވިއުގައަކުންވަނީ މުޅި ރާއްޖެ ގުޅުވާލާފައިއެވެ. މިއާއެކު، 2016 ވަނަ އަހަރު ދިރާގުން ވަނީ މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދިވެހިރާއްޖެއަށް ފައިބަރ ބޮރޯޑްބޭންޑް ތަޢާރަފުކޮށްފައެވެ. އަދި ކުޑަ މުއްދަތެއްގެ ތެރޭގައި މިވަނީ ރާއްޖޭގެ ގޭބިސީގެ %75 އަށް މި ޚިދުމަތް ފޯރުކޮށްދީފައިއެވެ. ސަބްމެރިން ކޭބަލް ވިއުގަ އަކީ މިއަދު ދިރާގުން ބިނާކުރަމުން މިގެންދާ ޑިޖިޓަލް ރާއްޖޭގެ ބިންގަލެވެ.
ފައިބަރ އިންޓަނެޓްގައި ބޭނުންކުރެވޭ ފައިބަރއޮޕްޓިކް ކޭބަލް އަކީ، ސިގްނަލްގެ ފެންވަރަށް ބަދަލެއް ނައިސް، އަލި ދަތުރުކުރާ ބާރުމިނުގައި، ހައި ބޭންޑްވިތް ސިގްނަލް ފޯރުކޮށްދެވޭ ވަސީލަތެކެވެ. މިހެންކަމުން ފައިބަރ އިންޓަނެޓް މެދުވެރިކޮށް ސްޕީޑްއާއި ކޮލިޓީގެ ތަފާތެއްނެތި މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ރަށްރަށަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ. ރާއްޖޭގެ ގޭބިސީގެ %75 އިންސައްތައަށް މި ޚިދުމަތް މިހާރު ފޯރުކޮށްދެވިފައިވާއިރު، މި ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ޚިދުމަތަކަށް މިހާރުވަނީ ވެފައިއެވެ.
އަދުގެ ދުނިޔޭގައި ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަރޯސާވެފައިވަނީ އިތުބާރުކުރެވޭ ހައިސްޕީޑް އިންޓަނެޓް ކަނެކްޝަންތަކަށް ކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ. ވިޔަފާރީގެ މުޢާމަލާތުތަކާއި މުނިފޫހިފިލުވުން، ތަޢުލީމު ފޯރުކޮށްދިނުމާއި އިޖުތިމާޢީ އިޤްތިޞާދީ ގުޅުންތައް އަދުގެ ދުނިޔޭގައި ހިނގަނީ ހައިސްޕީޑް އިންޓަނެޓް މެދުވެރިކޮށެވެ. ދިރާގުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ އެންމެހާ ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުމެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ހިންގާ ގިނަ މުޢާމަލާތްތަކެއް ހިނގަނީ ފައިބަރ އިންޓަނެޓް މެދުވެރިކޮށެވެ. ކަސްޓަމަރުން އަތުން އޮންލައިންކޮށް ފައިސާ ނަގާ، އޮންލައިންކޮށް ބިލްތަކަށް ފައިސާ ދައްކައި، ޓެކްސްފޯމްތައް ވެސް ސަބްމިޓް ކުރަނީ އޮންލައިންކޮށެވެ.
ރާއްޖޭގައި މިއަދު ފުޅާވަމުންދާ ގެސްޓްހައުސް ވިޔަފާރިއަށް ބެލިކަމުގައި ވިއަސް ދިރާގު ފައިބަރ އިންޓަނެޓް މުހިންމު ދައުރެއް އަދާކުރެއެވެ. ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ޓުއަރިސްޓުންނަށް ރާއްޖޭގައި ހޭދަކުރާދުވަސްތަކުގެ ފޮޓޯތައް އަޕްލޯޑް ކޮށްލާ، ދަތުރުގެ ތަޖުރިބާ ޝެއަރކޮށް އެ އުފަލުގައި ރައްޓެހިންނާއި އާއިލާ ބައިވެރިކުރުމުގެ އުފާ ލިބެއެވެ. ފައިބަރ އިންޓަނެޓްގެ ސަބަބުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ގެސްޓްހައުސްއެއް ކަމުގައި ވިއަސް މާލެ އާއި މާލެކައިރީގެ ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކެކޭ އެއްފަދައިން، ގެސްޓުންނަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވޭ އިރު، އޮންލައިންކޮށް ކޮޓަރި ވިއްކާ ބުކިން ހެދުމާއި އެތަންތަނުންދޭ ޚިދުމަތްތައް ޑިޖިޓައިޒްކުރުމުގެ ފުރުސަތު ގެސްޓްހައުސް އޮޕަރޭޓަރުންނަށް ލިބެއެވެ.
ފައިބަރ އިންޓަނެޓްގެ ސަބަބުން ރާއްޖޭގެ ތައުލީމީ މަރުކަޒުތަކުގައި ފުޅާ ދާއިރާއެއްގައި ޒަމާނީ ތައުލީމީ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައިއެވެ. އެގޮތުން ދުނިޔޭގެ އޮންލައިން ލައިބްރަރީތައް ބޭނުންކުރުމުގެ ފުރުސަތާއި، އޮގްމެންޓަޑް ރިއަލިޓީ ފަދަ ތަޢުލީމީ އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް ވަނީ ފަހިވެފައިއެވެ.
ދިރާގުގެ ސީ. އީ. އޯ. އަދި އެމްޑީ، އިސްމާއިލް ރަޝީދު ދިވާޅުވީ " ދިރާގުން މުޅި ރާއްޖެއަށް ހައިސްޕީޑް ބްރޯޑްބޭންޑް ފޯރުކޮށްދިނުމަށް ފެށި މި މަސައްކަތަކީ ރާއްޖޭގެ އެކީ ކަންކޮޅުތަކަށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އަޒުމުގައި ފެށި މަސައްކަތެއް. ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތާއެކު ދިރާގު ޓީވީ ހިދުމަތްވެސް މިހާރު މިވަނީ ރާއްޖޭގެ ގޭބިސީގެ %72 އަށް ފޯރުކޮށްދީފައި. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދީ، ކަސްޓަމަރުންނަށް އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް."
ދިރާގުން ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައްވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެކުރިއަރާފައިވާ ގައުމުތައް ފަދައިން މިޖަޒީރާ ރާއްޖޭގެ 75% އަށް ހައިސްޕީޑް ފައިބަރ އިންޓަނެޓް ފޯރުކޮށްދީ ޑިޖިޓަލް ރާއްޖޭގެ ބިންގާ އެޅިގެން ދިޔުމަކީ މީގެ އަގުހުރި މިސާލެކެވެ.