ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ޑެންގޫ ހުމާއި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވެސް ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑެންގޫ އިތުރުވުމުގެ ފުރުސަތު ބޮޑީ މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން ކަމަށެވެ.
ނަމަވެސް ޑެންގޫ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށް ވާ އީޑީސް މަދިރި މަދުކުރަން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވެއްޖެ ނަމަ މަދިރި އާލާވާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް ޑރ.އަފްސަލް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑު، މޫސުމާ ގުޅިގެން ވެސް. އެކަމަކު މަދިިރި ކޮންޓްރޯލްކުރަން އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރަން. މަދިރި ކޮންޓްރޯލްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވޭ،" ޑރ.އަފްސަލް ވިދާޅުވި އެވެ.