ދިރާގު މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިއަދު ހެނދުނު ފަށައިފިއެވެ.
ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މި މުބާރާތުގެ މިއަދުގެ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 07:00 ން 09:00 އަށެވެ.
ދެ ދުވަހަށް ކުރިއަށްގެންދާ މި މުބާރާތުގެ މާދަމާގެ ދަންފަޅި އޮންނާނީ ހެނދުނު 07:00 ން ހަވީރު 16::00 އަށެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 16:00 ގައެވެ.
މިއަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށްދަނީ ހުޅުމާލޭ ބައިކް ޓްރެކްގައެވެ.
މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް ގުޅިގެން މި މުބާރާތް ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ ދެވަނަ އަހަރެވެ.
ފައިބެއަހަރެކޭ އެއްގޮތަށް މި އަހަރުވެސް 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ތަފާތު 25 ރޭހެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ބައިސްކަލު ރޭހެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އުމުރުފުރާއެއްގައިވެސް ވަނަހޮވާނީ އަންހެން އަދި ފިރިހެން ބައި ވަކިވަކިންނެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.