ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޝޯކޯ ނޯޑާ، ވިދާޅުވިއެވެ.
މިސް ޝޯކޯ ނޯޑާ މިހެންވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައި ދެއްކެވިވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައެވެ. އަދި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމީޔާބީއަށާއި، ނިމި ދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް މި ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުޢީ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން، މިސް ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައިކަން ފާހަގަކުރައްވައި ރާއްޖެއާއިމެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް ހާމަކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.