އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް އެސްޓީއޯ ވެބްސައިޓްގައި މިއަދު ޝާއިޢުކޮށްފިއެވެ.
އެސްޓީއޯގެ ބަޔާން:
އެ ރިޕޯޓުގައިވާ ގޮތުން ފާއިތުވި އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޢަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 20 އިންސައްތަ އިތުރުވެފައިވުމެވެ. މިއީ 100 މިލިއަން ލީޓަރުގެ އިތުރުވުމެކެވެ. އަދި ހަމަމިއާއެކު، އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވުމާއެކު، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 އިންސައްތަ އިތުރުވެފައެވެ. މިއީ 253 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 47 އިންސައްތަ ވަނީ އިތުރުވެފައެވެ. ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 10 އިންސައްތަ އިތުރުވެފައެވެ.
2018 ވަނަ އަހަރުގެ ފަހު ކުއާޓަރއިން ފެށިގެން މިކުންފުނީގެ ފައިދާ ދަނީ އެކަށީގެންވާ ބާރުމިނެއްގައި ކުރިއަރަމުންނެވެ. އަދި މިގޮތުން2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު ފައިދާއަކީ ފާއިތުވި 3 އަހަރުގެ ތެރޭގައިވެސް އެންމެ ރަނގަޅު ފައިދާއެއް ލިބުނު ކުއާޓަރއެވެ.
ފާއިތުވި އަހަރުތަކެކޭ އެއްފަދައިން އެސްޓީއޯއިން އަބަދުވެސް އެންމެ އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ. އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، ދިވެހިރާއްޖޭގެ އިޤްތިޟާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ޙިއްޞާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ.
އެސްޓީއޯގެ ހިންގުމުގެ ޚަރަދު، ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ، 2018 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 27 އިންސައްތަ އިތުރުވެފައެވެ. އަދި ކުންފުނީގެ ފައިނޭންސް ކޮސްޓުގެ ގޮތުގައި 2018 ވަނަ އަހަރު ވަނީ 177 މިލިއަން ރުފިޔާ އެކައުންޓްކުރެވިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 78 އިންސައްތަ އިތުރުުވުމެކެވެ. ފައިނޭންސް ކޮސްޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ސަޕްލަޔަރުން އެސްޓީއޯއަށް ދީފައިވާ ކްރެޑިޓަށް އިންްޓަރެސްޓްގެ ގޮތުގައި ދަައްކާފައިވާ ޢަދަދު އިތުރުވެފައިވުމެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 2018 ވަަނަ އަހަރުގެ ހިންގުމުގެ ފައިދާއަކީ (ފައިނޭންސް ކޮސްޓް ކެނޑުމަށްފަހު) 251 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ޙިއްޞާއަކަށް 58.00ރ. ބެހުމަށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ. އެސްޓީއޯގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހައްޓާ ދިނުމާއި ޙިއްޞާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމެވެ.
2018 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން، ހުޅުމާލެ ހޮޓަލް ޕްރޮޖެކްޓް ވިއްކާލުމަށް އެސްޓީއޯއިން މިހާތަނަށް ކުރި މަސައްކަތުން ލިބުނު ހުށަހެޅުންތަކަށް ބަލާ، މި ޕްރޮޖެކްޓްގެ ހަމައަގަށް ބެލެންސް ޝީޓްގައި ހިމެނިފައިވާ އަގު ވާނީ ބަަދަލުކުރެވިފައެވެ.
މިފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ.