ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް މާކެޓް ކުރުމަށް އެސްޓީއޯ އިން ތައްޔާރުވަނީ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް މާކެޓް ކުރުމަށް އެސްޓީއޯ އިން ތައްޔާރުވަނީ

ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ވިއްކާ މާކެޓްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯ ގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، އެކުންފުނިން މިއަހަރު ތެރޭގައި އައު ވިޔަފާރިތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯއިން މަސްވެރިކަމުގެ މާކެޓަށް ނިކުމެ، މަސްވެރިން ބާނާ މަސް ގަނެ، މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކަމުންދާގޮތަށް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓްކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދީ މާކެޓް ކުރުމަށް އެކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ.

"ދަނޑުވެރިކަމަކީ ވެސް މަސްވެރިކަން ފަދައިން ދިވެހިރާއްޖެއަށް މުހިންމު ސިނާޢަތެއް، އާންމުން ކުރާ މުހިންމު މަސައްކަތެއް. ދަނޑުވެރިކަން މަސްވެރިކަމާއި އެއް ފެންވަރަކަށް ތަރައްޤީ ނުވެފަ މިއޮތީ ދަނޑުވެރިން މިހައްދާ ބާވަތްތަކަށް އެކަށީގެންވާ އަގު ނުލިބުން. ނޫނީ ވިއްކާނެ ތަނެއް ނެތުން. އެހެންވީމަ މަސްވެރިކަމުގެ ދާއިރާގައި މިފްކޯ އޮންނަ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާއަށް އަޅުގަނޑުމެންނަށް މިކަހަލަ މޮޑެލްއެއް ޑިވެލޮޕް ކުރެވިދާނެ" މިހާދު ވިދާޅުވިއެވެ.

މިފަދަ މާކެޓެއް އުފެއްދުމަށްޓަކައި ބޭނުންވާނެ ފަންޑިންގ އާއި މިކަމުގެ ފީސިބިލިޓީ މިހާރު އެސްޓީއޯ އިން ބަލަމުންދާ ކަމަށް ވެސް މިހާދު ވިދާޅުވިއެވެ.

މިއަދު އޮންލައިން