ވިލާ ކޮލެޖުން ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން ތަމްރީންދިނުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި އޭޑީކޭހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ނާސިންނަކީ ރާއްޖެއަށް ވަރަށް މުހިއްމު އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަ ދާއިރާއެއް ކަމަށާއި އުއްމީދަކީ މިހާރު ކިޔަވައިދޭ ފެންވަރަށް ވުރެ މައްޗަށް ގެންދިއުން ކަމަށެވެ.
ނަރުސްކަމުގެ ޑިޕްލޮމާ ކޯސް މި މަހުގެ ތެރޭގައި ފަށާއިރު ސެޓްފިކެޓް ލެވެލްގައި ވިލާގައި ނަރުސްކަން ކިޔަވަމުން އަންނަނީ 22 ދަރިވަރުންނެވެ.