ދިވެހި ނަރުހުން ތަމްރީނު ކުރުމަށާއި ނަރުހުންގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމަކަށްވެސް ވެވެން އޮތް އެހީތެރިކަމެއް އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވެއްޖެއެވެ.
އަފްއާލް ވިދާޅުވީ ދިވެހި ނަރުހުންގެ ޖަމިއްޔާއިން ކަމަކަށް އެދުނު ނަމަވެސް ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. ވިލާ ކޮލެޖުގައި ނަރސިންގ ކިޔަވާ ދަރުންގެ ޕްރެކްޓިކަލް ބައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްދޭން އެއްބަސްވެފައިވާ ކަންވެސް އަފްޢާލް ވަނީ ފާހަގަ ކުރައްވައިފައެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ ނަރުހުން ޚިދުމަތް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި އަފްޢާލް ވިދާޅުވީ ދިވެހި ނަރުހުންގެ ޚިދުމަތް ވަރަށް ބޮޑަށް އިތުރަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޤައުމަށް އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ.
އޭޑީކޭގައި ޚިދުމަތްކުރާ ދިވެހި ނަރުހުންނަށް ވަނީ ވަރަށް ޚާއްޞަ އިނާޔަތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ބޭރު ނަރުހުންނަށް ކުރާ ޚަރަދާއި އެއްވަރުގެ އިނާޔަތްތަކެއް ދިވެހި ނަރުހުންނަށް ވެސް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.
