ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މެއި، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ދިމާކޮށް އަދީބް ފިސްތޯލައަކާއި ވަޒަންތަކެއް ގެންގުޅުނު ކަމަށް ބުނެ 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ 2016 ގައެވެ. މި ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ.
އަދީބްގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވާހަކަދެއްކެވި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އަދީބްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައިވާނީ އެހުކުމް ރަނގަޅު ކަމަށް ކަމުގަ އެވެ. ނަމަވެސް ފަހުން މިމައްސަލަ ދިރާސާކުރުމުން މިމައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީ މައްސަލަ ސާބިތުކުރެވޭ ވަރުގެ އެކަށީގެންވާ ހެކިތައް ނޫންކަން އެނގުނު ކަމަށެވެ. އެހެންކަމުން ދައުލަތުން މިހާރު ގަބޫލުކުރަނީ މިއީ އެކަށީގެންވާ ވަރަށް ހެކި ނުލިބޭ ރަނގަޅު ނޫން ހުކުމެއް ކަމަށާއި އެހެންކަމުން މިހުކުމް ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ.
މިމައްސަލަ އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަދީބު ގެންގުޅުނު ކަމަށް ބުނާ އެ ފިސްތޯލަ ތަހުގީގީ އިދާރާއަކަށް ހޯދިފައި ނެތްއިރު އެއީ އަސްލު ހަތިޔާރެއް ކަން އެނގޭ ފަދަ އެއްވެސް ފަންނީ ރިޕޯޓެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ފިސްތޯލަ ގެންގުޅެނިކޮށް ދުށް ކަމަށް ބުނާ ހެކިވެރިންގެ ބަހަށް ބަލާއިރު ވެސް، އެ މީހުންނަކީ އެ ފިސްތޯލައަކީ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ އަސްލު ހަތިޔާރެއް ކަން ދެނެގަނެވޭ ފަދަ ބައެއް ކަން އެނގެން ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ތަފާތު އެކި މައްސަލަތައް ސާބިތުވެގެން އަދީބުގެ މައްޗަށް ވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.