ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ 33 އަހަރަށް ޖަލަށްލުމަށް ވަކި ވަކިން ކޮށްފައިވާ ހުކުމުތަކުގެ ތެރެއިން އެންމެ ފަހު ހުކުމް މިއަދު ބާތިލްކުރުމާ ގުޅިގެން އަދީބަށް ކުރި ހުރިހާ ހުކުމަކުން ސަލާމަތްވެ ޖަލު ބަންދުން ވީއްލިއްޖެއެވެ.
ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ.
ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާގެ ކުށް ސާބިތުވެ އަދީބް 15 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަދި އަދީބް ފިސްތޯލަ ގެންގުޅުއްވިކަން ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިމަހުގެ 27 ވަނަ ދުވަހު ބާތިލްކޮށްފަ އެވެ. އޭގެފަހުން މިއަދު ހައިކޯޓުން ވަނީ އަދީބްގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ 8 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ބާތިލްކޮށްފަ އެވެ.
މި ހުރިހާ ދައުވާތަކުން ސަލާމަތް ވިނަމަވެސް އަދީބް އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.
ދައުވާތަކުން ސަލާމަތް ވުމާއި ގުޅިގެން އަދީބު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެކަނިމާއެކަނި ބަލި ހާލުގައި އޮންނެވީ އަނދިރި ކުޑަކޮޅިއެއްގައި ކަމަށާއި އެ ހާލަތުގައި އެންމެ ގިނައިން ކުރެއްވި ދުއާ އިޖާބަކޮށްދެއްވައި އިންސާފު ލިބިފައިވާތީ މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށެވެ.
އަދީބް މި ޓްވީޓް ކުރައްވާފައިވަނީ ސޫރަތުލް އަންބިއާގެ 87 ވަނަ އާޔަތާއި އޭގޭ މާނަ ހިމެނޭ ގޮތަށެެވެ.