ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި އެއަށްފަހު، އެބޭފުޅުން ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
ބޮޑުވަޒީރު މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 18:45 ގައެވެ.
މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަށް މިދިއަ އަހަރު ވެސް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ.