ނެއިބާހުޑް ފަސްޓް ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށްދެނީ ރާއްޖެ އަށް: މޯދީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ނެއިބާހުޑް ފަސްޓް ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށްދެނީ ރާއްޖެ އަށް: މޯދީ

ނެއިބާހުޑް ފަސްޓް ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދީގެން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެނީ ދިވެހިރާއްޖެ އަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ. 

މޯދީ މެހެންވިދާޅުވި މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަމުންނެވެ.

މޯދީގެ ތަގުރީރުގައި ވިދާޅުވީ އިންޑިއާގެ ސިޔާސަތަކީ ނެއިބާހުޑް ފަސްޓް ނުވަތަ އެންމެ ފުރަތަމަ އަވަށްޓެރިންނަށް އިސްކަންދިނުން ކަމަށާއި މި ސިޔާސަތުގެ ދަށުން އިންޑިއާއިން އެންމެ ބޮޑު އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ ރާއްޖެ ކަމުގައެވެ.

މޯދީ ވިދާޅުވީ އަވަށްޓެރިންނަށް އެހީތެރިވުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު ބިނާކޮށްފައި ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ދެއްވާފައިވާ އިރުޝާދެއްގެ މައްޗަށް ކަމަށާއި ގާންދީ ވިދާޅުވެފައިވަނީ އަވަށްޓެރިންނަށް ޚިދުމަތް ކުރުމުގައި ވަކި ހައްދެއް ނޯންނާނެ ކަމަށެވެ.

މޯދީ ގެ ތަގުރީރުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮންނަ ގުޅުމުގެ އެންމެ މުހިއްމު ތަނބަކީ ސަރުކާރު ނޫން ކަމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަން ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުން ކަމަށެވެ. 

މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަހަރެމެންގެ ދިރިތިބުން ކަމަަށާއި ދެކުނު އޭޝިއާގެ ފުރާނައަކީ ވެސް ދިރުމަކީވެސް މިސަރަހައްދުގެ އަމާންކަމާއި ހަމަޖެހުން ކަމަށެވެ. އަދި ސައުތު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން އިންޑިއާއަށް އޮތް ޒިންމާ ފާހަގަކުރައްވަމުން، މޯދީ ވިދާޅުވީ އެކަމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. .

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި ޓެރަރިޒަމަކީ މިއަދު އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އަދި ބައެއް ސަރުކާރުތަކުން ވާގިވެރިވާ ޓެރަރިޒަމްގެ އަމަލުތައް އެެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ހުއްޓުވަން ޖެހޭ ކަމަށްވެސް މޯދީ ވިދަޅުވިއެވެ.

މޯދީގެ ތަގުރީރުގައި 1988 ވަނަ އަހަރު ރާއްޖެއަށް ދިމާވި އުދުވާނީ ހަމަލާއާއި، 2004 ވަނަ އަހަރު ދިމާވި ސުނާމީގެ ކާރިސާގައިވެސް ރާއްޖެއާއި އެންމެ ގާތުގައި އެހީތެރިކަމުގެ އަތް ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަން ފާހަގަކުރެއްވިއެވެ.

 

 

މިއަދު އޮންލައިން