ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ބީއެމްއެލްގެ މުވައްޒަފުން ކެންޕެއިންއެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ބީއެމްއެލްގެ މުވައްޒަފުން ކެންޕެއިންއެއް ފަށައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ވަރަށް ޚާއްސަ ކެންޕެއިންއެއް ފަށައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތް ކުރާ ބީއެމްއެލް ގެ މުވައްޒަފުންނާއި، މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި ވަނީ އެކި ރަށްރަށުގެ ތަފާތު އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ގެނެސްދީފައެވެ. ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް TrashTagMV# ހިމަނައިގެން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

މީގެ ތެރޭގައި ، ކުޅުދުއްފުށި، ށ. މިލަންދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ.ގަން، ކ. ދިއްފުށި، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގއ. މާމެންދޫ ފުވައްމުލައް، އަދި އައްޑޫ ސިޓީގެ ރަށްތަކާ އަދި މާލޭގެ ސަރަހައްދުތައް ހިމެނެއެވެ.

"މި ހަރަކާތް ފެށިގެން ދިޔައީ މުވައްޒަފުންގެ މެދުގައި ނަމަވެސް އެއަށްފަހު ފެނިގެން ދިޔައީ ވަރަށް ގިނަ ރަށްތަކުގެ  އެކި ބޭފުޅުން މި ހަރަކާތުގައި ބައިވެރިވި މަންޒަރު. އަދި ސާފުކުރުމުގެ މިފަދަ ޕްރޮގްރާމްތައް މިދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރޭވެމުން. މިއިން ދައްކުވައިދެނީ  ތިމާވެށި ރައްކާތެރިކޮށް ސާފު މާހައުލެއްގައި ގާއިމްކުރުމަށް ދިވެހިން ބޭނުންވާކަމާއި އެކަމަށް ހުރި ޝައުގުވެރިކަން. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ބައެއް ހަރަކާތުގައި ބައިވެރިވެ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ހިނގައިދިޔުން." މިހަރަކާތާ ގުޅޭގޮތުން ބޭންކުގެ އޮފިޝަލް ވިދާޅުވިއެވެ.

އީދު ބަންދު ތެރޭގައި އެންމެ ގިނަ ބައެއްގެ ސަމާލު ކަން ލިބުން ޓްރޭޝް ޓެގް އެމްވީ ގެ މައިގަނޑު މަގްސަދަކީ، ތިމާވެށި ހިމާޔަތް ކުރުމަކީ އަދާކުރަންޖެހޭ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަަށްވުމާއެކު އެންމެން އެކުއެކީގައި މަސައްކަތްކޮށް ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުވުމެވެ. ބީއެއްއެލް ގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ޗެލެންޖް ވެގެން ދިޔައީ އާންމުން އުފަލާއެކު ވަރަށް ބަލައިގަން ޗެލެންޖަކަށެވެ. އަދި އެގޮތުން ފެނިގެންދިޔައީ އީދުގެ އުފާވެރި މާހައުލުގައި، އާއިލާތައް އަދި ރައްޓެހި ރަހުމަތްތެރިން އެކުވެގެން މި ޗެލެންޖް ފުރިހަމަ ކުރުމަށްފަހު ސޯޝަލްމީޑިއާގައި ސާފު ކުރުމުގެ ކުރިން އަދި ސާފު ކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް ޝެއާ ކުރި މަންޒަރެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ޓްރޭޝްޓެގް އެމްވީ ޗެލެންޖް އަށް މަރުހަބާ ދަންނަވައި، އަދި އެ ހަރަކާތް އެންޑޯސް ކުރައްވާ ވީހާވެސް ގިނަ ބަޔަކު މިޗެލެންޖްގައި ބައިވެރިވެ ސާފުކުރުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވުމަށް އެދިލައްވާފައެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ވެސް ވަނީ މި ހަރަކާތް އެންޑޯސްކުރައްވާފައެވެ.

މިއަދު އޮންލައިން