އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބެރަށް ދިއުމަށް ހުއްދަ ދީފައިވަނީ އަދީބުގެ ބައްޔަށް ރާއްޖެއިން ފަރުވާ ހޯދެން ނެތުމުން ކަމަށް ހޯމް މިނިސްޓްރީ ބުނެފިއެވެ.
ހޯމް މިނިސްޓްރީ މިއަދު ނެރުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަމާގުޅުންހުރި ސިއްހީ މާހިރުންގެ ލަފާގެ މަތިން އަދީބު ބޭރަށް ފޮނުވުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ހަމަ އެ ގާނޫނުގެ 110 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މެޑިކަލް ބޯޑުން ކަމަށާއި މި ނިންމުމަކީ ސިއްހީ ހާލަތާއި ގުޅިގެނެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އަދި މި ނިންމުމާ ގުޅިގެން އަދުލުއިންސާފަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި އިންސާފުގެ ކުރިމައްޗަށް އަދީބު ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ސަރުކާރުން ހުރިހާ ފިޔަވަޅެއްވެސް އަޅާނެ ކަމަށް ހޯމް މިނިސްޓްރީ ވަނީ ބުނެފައެވެ.
އަދީބުގެ މި ދަތުރާ ގުޅިގެން ބަލަހައްޓަން ޖެހޭ ސަލާމަތީ ހުރިހާ ކަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށާއި މި ދަތުރުގައި އަދީބާ އެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ދާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ބޭސް ފަރުވާއަށް އަދީބް ފޮނުވުމަށް ނިންމާފައިވަނީ އިންޑިއާ އަށެވެ.