ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ފެށި ކެންޕެއިންގެ ބައިވެރިންގެ ފަރާތުން ތިމާވެށި ރައްކާތެރިކޮށް ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ހާއްސަ ޖަމިއްޔާ އެއްކަމުގައިވާ ސޭވް ދަ ބީޗް އަށް ބީއެމްއެލް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޓްރޭޝްޓެގް ޗެލެންޖްގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުންގެ ނަމުގައި ސޭވް ދަ ބީޗް އަށް ވަނީ 30،000 ރުފިޔާހަވާލުކޮށްފައެވެ.
މުހައްމަދު ސައީދު، މެނޭޖަރ ޕަބްލިކް ރިލޭޝަންސް ވިދާޅުވީ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއަ މި ޗެލެންޖަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށާއި ސާފުކުރުމުގެ ކުރިން އަދި ސާފުކުރުމުގެ ފަހުން ނަގާފައިވާ ފޮޓޯތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސޯޝަލް މީޑިއާގައި ޝެއާކުރެވުން މަންޒަރު ފެނިގެން ދިއަ ކަމަށެވެ. "މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް. ޒުވާނުން އިސް ނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ."
ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތް ކުރާ ބީއެމްއެލް ގެ މުވައްޒަފުންނާއި، މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި ވަނީ އެކި ރަށްރަށުގެ ތަފާތު އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ގެނެސްދީފައެވެ. ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް #TrashTagMV ހިމަނައިގެން ސޯޝަލްމީޑިއާގައިވަނީ ހިއްސާކޮށްފައެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ޓްރޭޝްޓެގް އެމްވީ ޗެލެންޖް އަށް މަރުހަބާ ދަންނަވައި، އަދި އެ ހަރަކާތް އެންޑޯސް ކުރައްވާ ވީހާވެސް ގިނަ ބަޔަކު މިޗެލެންޖްގައި ބައިވެރިވެ ސާފުކުރުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވުމަށް އެދިލައްވާފައެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ވެސް ވަނީ މި ހަރަކާތް އެންޑޯސްކުރައްވާފައެވެ.