ކޮޗިނާ ރާއްޖެއާ ދެމެދު ފެރީގެ ޚިދުމަތްތައް ފަށާއިރު ދޮރާށިތައް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ބޭނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކޮޗިނާ ރާއްޖެއާ ދެމެދު ފެރީގެ ޚިދުމަތްތައް ފަށާއިރު ދޮރާށިތައް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ބޭނުން!

އިންދިއާގެ ކޮޗިން އާއި ރާއްޖެ އާއި ދެމެދު ފެރީގެ ޚިދުމަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަން 2 ޤައުމުން ވެސް މިހާރު މިވަނީ އިއުލާނުކޮށްފައެވެ. އަދި މާލޭގެ އިތުރުން ފެރީ ބަނދަރުކުރާ މަންޒިލެއްގެ ގޮތުގައި ކުޅުދުއްފުށި މިވަނީ އިއުލާނު ކޮށްފައެވެ. 

ޚިދުމަތަކީ ކިތަންމެހައިވެސް މުހިންމު ޚިދުމަތެކެވެ. ނަމަވެސް ޚިދުމަތް ފަށާއިރު ބަނދަރުތަކުގެ ދޮރާށިތައް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ކޮންމެހެން ބޭނުންވާކަން ގިނަބައަކު ދަނީ ފާހަގަކުރަމުންނެވެ. 

މިފަދަ ކަންބޮޑުވުންތައް ފާހަގަކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އިންޑިއާއިން ގެންނަ ގިނަ އަދަދެއްގެ ދިރޭ ބަކަރި ފަދަ ތަކެތި މީގެ ކުރިން މަރުވެފައިވާތީއެވެ. އެކަމުގެ ސަބަބު ސަރުކާރުން ހާމަ ނުކުރި ނަމަވެސް ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ބަކަރިތައް މަރުވީ އެއިގް ބަނޑުގައި އެތެރެކުރި މަސްތުވާތަކެތި، ނަޖިހުގެ ގޮތުގައި ބޭރު ނުކުރުމުން އެތަކެތި ނަގަން އުޅުމުގެ ތެރޭގައެވެ. ފުރަގަސް ފަރާތް ހަލާކުވެފައި ވަނީ އެތަކެތި ނަގަން އަތްކޮށްޕުމުގެ ތެރޭގައެވެ. 

މަސްތުވާތަކެތި އެތެރެކުރާ މީހުން އެކަން ކުރެވޭނެ އައު ގޮތްތައް އަބަދުވެސް ހޯދާނެއެވެ. ކުރެވެން އޮތް ގޮތަކަށް އެކަން ކުރާނެއެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރުވެސް އެކަން ވަނީ ފާހަގަކުރެވިފައެވެ. ސައުދިޢަރަބިޔާއިންނާއި ޔޫއޭއީ އިން ދިން ކަދުރު ލިބުނެވެ. ވަޅުލާފައި ހުރި މަސްތުވާތަކެއްޗާއި ގޭގޭގައި ހުރި މަސްތުވާތަކެތި ފެނުނެވެ. ހުޅުމާލެއަށް އެކިފަހަރު މަތިން އެތެރެކުރަން މަސައްކަތްކުރި ބަނގުރަލުގެ ބާވަތްތައް އަތުލައި ގަނެވުނެވެ. 

ފެރީގެ ޚިދުމަތް ފެށުމުން މުދައު އެތެރެކޮށް މީހުން ދަތުރުކުރަން މަގުފަހިވާ ފަދައިން މަނާތަކެތި އެތެރެކުރަންވެސް މަގުފަހިވާނެއެވެ. ވީމާ ރާއްޖެއަށް އެތެރެކުރާ މުދަލާއި އެތެރެވާ މީހުން ސްކްރީންކުރެވޭނެ އިންތިޒާމްތަކާއި ވަސީލަތްތައް ޤާއިމުކުރަން ކޮންމެހެންވެސް ޖެހޭނެއެވެ. ކޮންމެ ކަމެއް ބޮއްސުންލައިގެން ދިއުމުން ޤާނޫނު ނެތް ވާހަކަ ޢާއި ބަޖެޓު ނެތް ވާހަކަ އަދި އިންސާނީ ވަސީލަތް ނެތްކަމުގެ ވާހަކަތައް ބަހަނާގެ ގޮތުގައި ދެއްކުމަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ.

 

މިއަދު އޮންލައިން