ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޔޫ.އެން.ޑީ.ޕީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޔޫ.އެން.ޑީ.ޕީ

ސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް އޮތްކަމަށް އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫ.އެން.ޑީ.ޕީގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ހައުލިއަންގް ޝޫ ވިދާޅުވެއްޖެއެވެ.

4 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޝޫ ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރ.މަޑުއްވަރީގައި ދިވެހި ސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިޔަށް ގެންދާ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިއްޔެ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ރަށްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭއެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. 

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވާރޭ ވެހޭ މިންވަރު ބަދަލުވެ ސާފު ބޯފެން ލިބުމުގެ ދަތިކަން ރާއްޖޭގެ އެތައް ރަށަކަށް ކޮންމެ އަހަރަކުވެސް ފޯރައެވެ.  ފެން ރައްކާކުރެވޭނެ ހަރުދަނާ ނިޒާމުތަކެއް ރަށްރަށުގައި ގާއިމްކުރެވިފައި ނެތުމުންނާއި އަދި ބިމުން ނެގޭފެން ތަގައްޔަރު ވުމުގެ ސަބަބުން ރަށްރަށުން ސާފު ފެން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާކަން ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވިފައިވެއެވެ. 

އިރުވައި މޫސުމުގައި ބޯފެން ހުސްވުމުގެ ސަބަބުން 2005 އަހަރުން ފެށިގެން 81 ރަށަކަށް އެމެޖެންސީ ހާލަތުގައި މާލެއިން ފެން ފޯރުކޮށްދޭން ޖެހިފައިވެއެވެ. މިކަން ވެގެން ގޮސްފައިވަނީ ޚަރަދު ބޮޑު އަދި ގޮންޖެހުންތައް ގިނަ މަސައްކަތަކަށެވެ. 

ދިވެހި ރާއްޖޭގެ ސަރުކާރާއި ޔޫ.އެން.ޑީ.ޕީ އާ ގުޅިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތެރެއިން ހަތަރު ޑިސެލިނޭޝަން ޕްލާންޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކު ގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރޭ ފެން ރައްކާކުރާނެ ބޮޑެތި ތާންގީތަކެއް ހާއްސަ ރަށްތަކެއްގައި ބެހެއްޓުމަށާއި ބިމުން ފެން ނެގޭނެ ހަރުދަނާ ނިޒާމުތަކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމު ގާއިމްކުރުމުން 49 ރަށަކަށް ދަތިކަމެއް ނެތި މުޅި އަހަރު ފެން ފޯރުކޮށްދެވޭނެ ވިއުގައެއް އުފެދިގެން ދާނެއެވެ.  

މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ "ރާއްޖެއަށް އިގްތިސޯދީ ތަރައްޤީ ގެނައުމަށާއި ދިވެހިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުމަށްޓަކައި ސާފު ބޯފެން ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން ވަރަށް މުހިންމު. ފާއިތުވި 40 ހަކަށް އަހަރު ރާއްޖެ ތަރައްޤީކުރުމަށް ދިވެހި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކަށް ޔޫ.އެން.ޑީ.ޕީ ފުރިހަމަ އެއްބާރުލުމެއް ދީފައިވޭ." އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް ޔޫ.އެން.ޑީ.ޕީ އިން ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.   

ހައުލިއަންގް ޝޫ މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިމަހުގެ 17 އަދި 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" ގައި ބައިވެރިވެވަޑައިގަންނަވައި ތަޤުރީރުކުރައްވާނެއެވެ. މި ފޯރަމް އާއި މެދު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި "ދެމެހެއްޓެނިވި ތަރައްޤީގެ މަގުތައް ކޮށުމަށް ޤާނޫނީ ވެރިކަމެއްގެ ތެރެއިން ހިނގަމުން އަންނަ ހަރުދަނާ މުޢައްސަސާތަކެއް ގާއިމްކުރެވެން ޖެހޭ ކަމަށް މި ސަރުކާރުން ގަބޫލުކުރާކަން އަޅުގަނޑަށް ސާފުވޭ. މި މުއައްސަސާތައް ވާންޖެހޭނީ ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ނުގުޑާނެ ތަންތަނަށް. ހަމަހަމަކަމާއެކު އެންމެނަށް ތަރައްޤީގައި ބައިވެރިވެވޭނެ ފުރުސަތުތައް ފަހިކޮށް ގާނޫނުގެ ބާރު ދެމެހެއްޓޭނީ މިނިވަން އަދުލު އިންސާފުގެ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން" ހައުލިއަންގް ޝޫ ވިދާޅުވެފައިވެއެވެ. 

މިއަދު އޮންލައިން