ކާޑުގެ މައުލޫމާތު ހޯދަން ގުޅާތީ ކަސްޓަމަރުން ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކާޑުގެ މައުލޫމާތު ހޯދަން ގުޅާތީ ކަސްޓަމަރުން ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި

ކާޑުގެ މައުލޫމާތު ހޯދަން ގުޅާތީ ކަސްޓަމަރުން ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އެ ބެންކާއި އެހެނިހެން ކުންފުނި އަދި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މަޢުލޫމާތާއި ސެކިޔުރިޓީ ކޯޑު އަދި ޕިން ހޯދަން މަސައްކަތްކުރަމުންދާކަން ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެކަމަށް ބީއެމްއެލްއިން ބުނެފައިވާއިރު އެ ބޭންކުގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުން ކަމަށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އެބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށްވެސް ނޭދޭނެ ކަމަށާޢި އެފަދަ ކޯލްތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

ބީއެމްއެލް ފާހަގަކޮށްފައިވާ ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންވީ މުހިންމު ކަންތައްތައްކުގެ ތެރޭގައި އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާނުކުރުމާއި ކަސްޓަމަރުންނަށް އަންނަ މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމާއި އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ މުޢާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް އައު ކާޑެއް ހެއްދުން ހިމެނެއެވެ.  

ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، ބޭންކުން އަންނަނީ ދޭތެރެ ދޭތެރެއިން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ. އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް ފޮނުވާ އީމެއިލް ތަކަށް ޖަވާބު ނުދިނުމަށްވެސް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން