ޓްވިޓަރ އެކައުންޓަކުން ޢަބްދުﷲ ލުޠްފީ ހިމާޔަތްކުރުމަށް މަސައްކަތް ފަށައިފިއެވެ. އެ އެކައުންޓް ހަދާފައިވަނީ ޢަބްދުﷲ ލުޠްފީގެ ނަމުގައި ނަމަވެސް އެއީ ލުޠްފީގެ އެކައުންޓެއްކަން އަދި ކަށަވަރެއް ނުކުރެވެއެވެ. އެއިގައި ހުރި މެސެޖްތަކުގައި ބުނެފައިވަނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި މަރުވި އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އޭނާ ހަތިޔާރު އެޅި ސިފައިން ގޮވައިގެން ރާއްޖެ އައީ ބައަކު މަރަން ނޫން ކަމަށާއި މާލެ އެރިތަނުން އޭނާގެ އަތުން ކޮންޓްރޯލް ގެއްލުނީ ކަމަށެވެ. އަދި އަލުން ޝަރީޢަތްކޮށްފިނަމަ އޭނާއަކީ ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދޭނެ ކަމަށެވެ.
މިބާވަތުގެ ވާހަކަތަކެއް ލިޔެފައި ހުރިއިރު ސީދާ ލުޠްފީ ހުރެގެން އެދުވަހު ވަނީ ކާރެއް ހައިޖެކްކޮށްގެން މާލޭގައި ދުއްވާފައެވެ. ރަހީނުކޮށްގެން ގެންދިއައީ ލުޠްފީ ބޭނުންވި މީހުންނެވެ. ސަގަރު ނާޞިރަކަށްވެސް އަދި ޓެރަރިސްޓުންނަކަށްވެސް އިސްމާޢީލް ނަޞީރު ފަދަ ބޭފުޅުން ނުވެސް އެނގޭނެއެވެ. ސީދާ ލުޠަފީގެ އަމުރަށް އެދުވަހު ގިނަ ޖަރީމާތަކެއް ހިންގީ އެންމެންގެ ލޯމަތީގައެވެ.
އެއިރު އޮތީ އަނިޔާވެރި ސަރުކާރެއް ކަމަށް ބުނި ނަމަވެސް، އަދި އެއިރުގެ ސަރުކާރު ކިތަންމެ އަނިޔާވެރި ނަމަވެސް ހަތިޔާރު އެޅި ކުލީ ސިފައިން ގޮވައިގެން ރާއްޖެއަރަން ލުޠްފީއަކަށް ނުޖެހޭނެއެވެ. އެއީ ލުޠްފީ ކުރި ބޮޑު ކުށަކަށް ނުވާނަމަ ދުނިޔޭގައި ޖަރީމާ ހިންގި ހަމަ އެކަކުވެސް ހުންނާނެ ކަމަށް ޤަބޫލުނުކުރެވެއެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިވެހިންގެ ހަނދާނަކުން ނުފިލާނެއެވެ. ޝަހީދުވި 19 ދިވެހިންގެ މަތިން ހަނދާނެއްވެސް ނުނެތޭނެއެވެ. އެދުވަހުގެ ބިރުވެރިކަންވެސް ފިލައިގެނެއް ނުދާނެއެވެ.
ހަނދާންކޮށްލަންވީ އެމީހުންނަށް އާދެވިފައި ތިބީ ރާއްޖެއަށްކަން ނުއެނގޭ ކަމަށް ޓެރަރިސްޓުން ބުނުމުން އެއިރުގެ ބަންޑާރަ ނައިބް އަޙްމަދު ޒަކީ ޝަރީއަތުގައި ޓެރަރިސްޓުންނާއި ކުރެއްވި ސުވާލަށެވެ. "އެހެންވީއިރު ކަލޭމެންނަށް ތިބެވުނު ތަނެއްގައި ތިބެގެން ބަޑިޖަހައި މެރީ ކަލޭމެންގެ މަންމަތޯ؟ ނޫނީ ބައްޕަތޯ؟ ރަހީނުކުރީ ކަލޭމެންގެ ޢާއިލާގެ މީހުންތޯ؟" ކުރެއްވި ސުވާލަށެވެ.
ޓްވީޓްތަކުގައި ލިޔެފައިވާ ވާހަކަތަކުން ހަތިޔާރު އެޅި ބައަކު ގޮވައިގެން ރާއްޖެ އެރިކަމަށް ވަނީ އެއްބަސްވެފައެވެ. އެއިރުގެ ސަރުކާރުގެ ތެރެއިން ބައަކު ގުޅޭނެ ކަމަށް އުންމީދުކުރި ކަމަށްވެސް ބުނެފައިވެއެވެ. ބައަކު ގުޅޭނެ ކަމަށް އަމިއްލައަށް އުންމީދުކޮށްގެން ޓެރަރިސްޓުން ގޮވައިގެން ރާއްޖެއަށް އަރަން ހުއްދަ ދިނީ ކާކުކަން ބުނެފައެއް ނެތެވެ.
އެވާހަކަތައް ހާމަކުރީ ލުޠްފީ ނަމަވެސް ނުވަތަ އެހެން މީހަކު ނަމަވެސް ދިވެހި ރައްޔިތުން މިއަދު ވެސް ތިބީ ބޮލަށް ޗިޕެއް ޖެހޭ ގޮތަކަށް ނޫނެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީ ރައްޔިތުންނަށްޓަކައި އަރާމު ތަންމައްޗެއް ކަމަށް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.އެދުވަހު ފޮނުވި ވަޒަންތަކަކީ ރަހްމަތުގެ ވާރޭ ކަމަށް ޤަބޫލުކުރާ ގޮތަކަށްވެސް ނޫނެވެ!
ކޮންޓަރޯލް ގެއްލި 19 ދިވެހިން ޝަހީދުކޮށް އެތައް ބައަކު ޒަޚަމްކުރީ ހަތިޔާރާއިއެކު ޓެރަރިސްޓުންތައް މާލެ އެރުވުމުން ނޫން ހެއްޔެވެ؟ ކިތަންމެ ރީތި އިބާރާތުން ލޯބީގެ ފަސާނާއެއް ކިޔައިދިން ނަމަވެސް ޙަޤީޤަތަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ!
ނުފިލައި ސަގަރު ނާޞިރު ފަދައިން ރާއްޖޭގައި ހުރި ނަމަ ލުޠްފީގެ ޙުކުމްވެސް މިހާރު އޮންނާނީ ތަންފީޒްވެ ނިމިފައެވެ. ސަގަރު ނާޞިރުވެސް ހަމަ ޢާންމު ރައްޔިތެއް ފަދައިން އެގެންދަނީ ދިރިއުޅެމުންނެވެ. އޭނާގެ ފަހަތުން ދުވާ މީހަކުވެސް ނުއުޅެއެވެ. ނަމަވެސް އެ ބޮޑު ޖަރީމާ ހިންގި މީހަކަށް ކުރެވުނު ޙުކުމް ތަންފީޒު ނުކުރެވުނީމާ އެކަން ރައްޔިތުން ބަލައެއް ނުގަންނާނެއެވެ.
ލުޠްފީ ޓެރަރިސްޓުން ގޮވައިގެން ރާއްޖެ އެރީވެސް ޤާނޫނުތަކަށް ގޮންޖަހައިފައެވެ. ބޭސްފަރުވާ ކުރުމުގެ ނަމުގައި ލަންކާއަށް ގޮސް ފިލީވެސް ޤާނޫނުތަކަށް ގޮން ޖަހައިފައެވެ. ވީމާ ހައްލަކަށް އަދިވެސް އޮންނާނީ ޤާނޫނީ އިމުގެ ތެރެއަށް ވަނުމެވެ. 100 މީހުން މެރި މީހާއަށްވެސް މާތް ﷲ ޢަފޫ ކުރެއްވެވި ވާހަކަ ދަންނަ ބޭކަލުން ބަޔާން ކުރައްވަވައެވެ. ނަމަވެސް އެއީ ޖަދަލުކޮށްގެނެއް ނޫނެވެ. ކުށް ޤަބޫލުކޮށް ތައުބާވާން މަސައްކަތްކުރީތީއެވެ. ވީމާ މަރުވުމާއި ހަމައަށްވެސް ތައުބާގެ ދޮރު ވަނީ ހުޅުވިގެންނެވެ.
3 November 1988 ge haadhisaa ah fahu, edhuvahuge kan hingi goi, hulhuvaalevifaivaa maahaulehgai kiyai dhinumuge furusathu alhugandakah libifai nuvey.
— Abdullah Luthfee (@AbdullahLuthfee) June 28, 2019