ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުން 2 އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފިއެވެ.
މިއަދު ހެނދުނު ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލް އާއި އެފްއޭއެމް އިން ވަނީ މި ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެއެވެ. މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ.
މިއަދު ވެވުނު އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލް ޖަލީލްއެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނުޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބައިވެރި ވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންގެ ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް މި ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ޤައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްކަންތައް. އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިކަންފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ މުހިންމު އެއް ބޭނުން." ޝަރީފް ވިދާޅުވިއެވެ.