މިސަރުކާރުން އެންމެ ގިނައިން ބުނާ އެއް ވާހަކައަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން ލުޠްފީ ކިޔާ ޓެރަރިސްޓަކު ފިލައިގެން ސްރީލަންކާގައި އެތައް އަހަރެއްވަންދެން އުޅުމުން ދައްކަން ޖެހޭ ޖުރުމަނާ ސަރުކާރުން ދައްކައިދޭނަމަ ވިސާގެ މައްސަލަތަކުގައި ޤައުމުތަކުން ޖުރުމަނާ ކުރާ އެންމެންގެ ޖުރުމަނާ ވެސް ދައްކައިދޭނެ ކަމަށް އުންމީދުކުރަމެވެ.
ބޭސްފަރުވާއަށް ގޮސް ތިބޭ މީހުންނަށްވެސް ބައެއްފަހަރު މި މައްސަލަ ދިމާވެއެވެ. ޢާއިލާ އާއިއެކު ބޭރު ޤައުމުތަކުގައި ދިރިއުޅޭ ބެލެނިވެރިންނާއި އެނޫން މީހުންނަށްވެސް މި މައްސަލަ ދިމާވެއެވެ. އެމީހުންގެ ޖުރުމަނާ ދައްކައިދިނުން ސަރުކާރަށް މާ އައުލާކަން ބޮޑުކަމަށްވެސް އަޅުގަނޑު ފާހަގަކުރަމެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލުޠްފީ ސްރީލަންކާގެ އިމިގްރޭޝަންގެ ޤަވާއިދާއި ޚިލާފަށް އެ ޤައުމުގައި އުޅުމުން ދައްކަން ޖެހޭ ޖުރުމަނާ ދައްކަން ޖެހޭނީ އޭނާއެވެ. ދެއްކެން ނެތްނަމަ އޮންނަ އަދަބެއް ޖެހޭނީ ލިބިގަންނާށެވެ. އެ އަދަބު ދިނުމަށް ސަރުކާރަށް ޖެހޭނީ ލަންކާ ސަރުކާރާއި އޭނާ ހަވާލުކުރާށެވެ. ރާއްޖެއަށް އޭނާ ގެންނަން ޖެހޭނީ އެ އަދަބު ލިބި ނިމުމަށްފަހުގައެވެ.
ލުޠްފީ ގެންނަން ރެޑް ނޯޓިސް ނެރުނީ އޭނާ ފިލައިގެން އުޅެ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަނެއްކާވެސް ގެއްލުންދީފާނެ ކަމުގެ ބިރަށެވެ. އަނެއްކާވެސް ޓެރަރިސްޓުން ގޮވައިގެން އައިސް އެތައް ބައަކު މަރައިފާނެ ކަމުގެ ބިރަށެވެ. ލަންކާ ޖަލުގައި ހުރެ އެކަމެއް ނުކުރެވޭނެއެވެ. ވީއިރު ބޮޑު ޖުރުމަނާއެއް ދައްކާފައި އޭނާ ގެންނަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ލަންކާގެ ޖަލުގައި މިހާރުވެސް ދިވެހިން ބަންދުގައި އެބަތިއްބެވެ. އެއިގެ ތެރޭގައި ޑްރަގް ޑީލަރުންވެސް ހިމެނެއެވެ. ލުޠްފީ ދިވެހި އެމްބަސީއަށް ގޮސް ހަވާލުވީ އެއިރު ސިފައިން ހިންގި އޮޕަރޭޝަންތަކުގައި އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ. ވީމާ ޑްރަގް ޑީލަރަކުވެސް އެމީހަކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އުފެދިއްޖެނަމަ ދިވެހި އެމްބަސީއަށް ދިއުމުން އެމީހަކަށް ހިމާޔަތް ދޭނެ ހެއްޔެވެ؟ އެ މައްސަލައިގައި އެމީހާ ޖުރުމަނާކޮށްފިނަމަ ދިވެހި ސަރުކާރުން އެ ޖުރުމަނާ ދައްކައިދޭނެ ހެއްޔެވެ؟
މިއަދު ލުޠްފީ ބަލި މީހަކަށްވެއްޖެއެވެ. ލުޠްފީ ބަލިމީހަކަށްވެގެން ކަންބޮޑުވާއިރު ލުޠްފީގެ ސަބަބުން ބަލިހާލުގައި އުޅެން ޖެހިފައިވާ އެތައް ބައަކު ތިބިކަން އެނގޭ ކަމަށް ނުވެއެވެ. އެއީ ހަމްދަރުދީ ލިބެންޖެހޭ ބައަކަށްވެސް ނުވެއެވެ.
އޭނާގެ ތަޙްޤީޤްގައި އަނިޔާކުރިކަމަށްވެސް ވެއްޖެއެވެ. އޭނާ ހައްޔަރުކުރުމުން ޢާއިލާ ރޫޅި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށްވެސް ވެއްޖެއެވެ. މިމޭރުމުން ވާހަކަދައްކާ މީހުންނަށް ނުއެނގެނީ ލުޠުފީ ގެނައި ޓެރަރިސްޓުން ބަޑިޖެހީމާ 19 މީހުން މަރުވި ކަމެވެ. އެތައް ބައަކު ޒަޚަމްވި ކަމެވެ. އެތައް ބައަކު މިއަދުވެސް އަނިޔާގައި ދިރިއުޅެމުންދާ ކަމެވެ. ޓެރަރިސްޓުން ބަޑިޖެހީމާ މަރުވި މީހުންގެ ޢާއިލާތައް ރޫޅުނުކަމެވެ. އެތައް އަންހެނަކު ހުވަފަތްވި ކަމެވެ. އެތައް ދަރިން ޔަތީމްވި ކަމެވެ. ބަޑިޖެހުމުން އަނިޔާވި މީހުންނަށް ލިބުނީ އަނިޔާކަމެވެ. އަދި މިއަދުވެސް އެމީހުން ދިރިއުޅެމުން އެދަނީ އެކަމުގެ އަނިޔާގައި ވޭން އުފުލަމުން ކަމެވެ.
ނޮވެމްބަރު 3 ގައި ޝަހީދުކުރި 19 މީހުން، ރޫޙާނީ ގޮތުގައި އެމީހުންގެ ޢާއިލާތަކާއިއެކު ދިރިއުޅެމުން ގެންދާތީ އެމީހުން ނެތުމުގެ އިޙްޞާޞް ޢާއިލާތަކަށް ނުކުރާ ކަމަށް އެމީހުންނަށް ޤަބޫލުކުރެވެނީ ކަމަށްވެދާނެއެވެ.
(މިއީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އަނިޔާ ލިބިފައިވާ 7 ޢާއިލާއަކުން މިއަދުނޫހާއި ހިއްޞާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. އެއިގެ ތެރޭގައި ލުޠްފީ ރާއްޖެ ގެނައި ޓެރަރިސްޓުން ބަޑިޖަހައި ޝަހީދުކުރި ސިފައިންގެ 4 ބޭކަލުންގެ ޢާއިލާވެސް ހިމެނެއެވެ.)