ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުން އެސްޓީއޯ އަށް ބޭރު ޤައުމުތަކުން މުދާ ލިބޭ އަގު މިހާރުވެސް ހެޔޮވެއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޢަމްރު އިއްޔެ ވިދާޅުވީ އެސްޓީއޯ އަށް ގަންނަން ބޭނުންވާ މުދައު ގަތުމަށް ބިޑު ހުޅުވާލުމުގައި ކުރިން އަމަލުކުރަމުން އައި ގޮތުން އެންމެ ފަހު ވަގުތު އަގު ހުށަހަޅާ މީހާއަށް ފުރުޞަތު އިތުރުވާ ކަމަށެވެ. ބިޑް ހުށަހަޅަން ޖެހޭ ސުން ގަޑި ޖެހުމުގެ ކުރިން ހުށަހަޅާ ބިޑްތަކުގައި ހުންނަ އަގުތައް އެންމެ ފަހުން ހުށަހަޅާ ފަރާތަށް އެނގުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.
ޢަމްރު ވިދާޅުވީ މިހާރު އަމަލުކުރާ އުޞުލުގައި ބިޑް ކުރުމަށް ފުރުޞަތު ހުޅުވައިލުމަށްފަހު ދެން އެ ވިޔުގަ ބޭނުން ކުރެވޭނީ ބިޑްހުށަހަޅަން ދީފައި އޮންނަ އެންމެ ފަހު ވަގުތު ނުވަތަ ސުން ގަނޑި ޖެހުމުންނެވެ. އަދި މިގޮތަށް ބަދަލުކުރުމުން މިހާރު ހުށަހަޅާ އަގުތައް ކުރީގެ އަގުތަކަށްވުރެ ވުރެ މާހެޔޮ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
މިގެނެވުނު ބަދަލާއިއެކު ސަޕްލަޔަރުންގެ އިތުބާރު ބޮޑުވެފައިވާކަން ވެސް އަމްރު ވަނީ ފާހަގަކުރައްވައިފައެވެ.