އެސްޓީއޯ ސްޕަރމާޓުގެ ހަރުތައް އަމިއްލަ ވިޔަފާރިވެރިންނަށް ކުޔަށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެދަށުން އެސްޓީއޯ ސްޕަމާޓުގެ މޭވާ އާ ތަރުކާރީ ހަރުތައް ކުއްޔަށް ދޭން އަންނަ ހަފްތާގައި އިއުލާނުކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމިޓީގައި ޙުސައިން ޢަމްރު އިއްޔެ ވިދާޅުވީ އެސްޓީއޯ ސްޕަމާޓުގެ އެހެން ހަރުތަކުންވެސް އަމިއްލަ ފަރާތްތަކަށް ޖާގަ ދޫކުރައްވާނެ ކަމަށެވެ. "އެއިރުން ވާނެ ގޮތަކީ ޓިޝޫ އެތެރެކުރާ މީހާ އެ ވިއްކާނެ ފިހާރައަކާ ފެސިލިޓީ ނެތިގެން އުޅޭކަށް ނުޖެހޭނެ. ހިނގަހިނގަ ހުރި ތަނަކުން ޖާގަ އާ ވިއްކައިދޭނެ މުވައްޒިފުންނާ ކޭޝިއަރުންވެސް ލިބޭނެ."
ޢަމްރު ވިދާޅުވީ ސަރުކާރު ބަދަލުވެ އެސްޓީއޯ ހިންގެވުމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވުނު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް އެއް އަގެއް ގައި ގަންނަން ލިބޭނެ ހަމަޖެއްސެވުން ކަމަށެވެ.
ޢަމްރު ވިދާޅުވީ އެސްޓީއޯ ހިންގެވުމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވި އެއްކަމަކީ ކޮރަޕްޝަން ނައްތައިލުން ކަމަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް އެއްވެސް ކަމެއް ކުރިއަށް ދާނަމަ، ރިޕޯޓް ކުރަނީ ކާކުކަން ނުއެނގި އަޅުގަނޑަށް ރިޕޯޓް ކުރެވޭނެ އިންތިޒާމް ވާނީ ހަމަޖައްސާފަ. ހަފްތާއަކު 3، 4 މައްސަލައެއް ހުށަހަޅާ. ވީމާ ކޮރަޕްޝަނަށް ހުރި މަގުތައް މިހާރުވެސް މިވަނީ ވަރަށް ބޮޑަށް ބަނަދުކުރެވިފަ." ކަމަށްވެސް ޢަމްރު ވިދާޅުވިއެވެ.