ދަރަނި ފިލުވުން ފަދަ މުހްތާދެއް ފުއްދަން ބޭނުންވެގެން ދުޢާކުރާއިރުވެސް ހަމައެކަނި ދަރަނި ފުއްދުމާއި ހަމައިން ނިންމައި ނުލާށެވެ. "އިނބަ ﷲ ރުހިވޮޑިގަންނަވާ ކަންކަމަށް ހޭދަކުރުން" އިތުރުކުރާށެވެ! އަދި ތަނަވަސްކަން ދެއްވެވުމުން ﷲ ތައާލާ ރުހގިވޮޑިގަންނަވާނެ ކަންކަމަށް ހޭދަކުރާށެވެ! ހުއްދަ ނުކުރައްވަވާ އެއްވެސް ކަމެއްގައި ހޭދަނުކުރާށެވެ!
ބައެއް މީހުން ތަނަވަސްކަމަށް އެދިދުޢާކުރާއިރު ތަނަވަސްކަން ދެއްވަވައިފިނަމަ މިސްކިތެއް އެޅުން ފަދަ ކަންކަން ކުރާނެ ކަމަށްވެސް ދަންނަވައެވެ. ނަމަވެސް ތަނަވަސްކަން ދެއްވެވުމުން އެކަން ކުރެވޭ ކަމަކަށް ނުހަދައެވެ. ކުރަން ހުންނަ އަމިއްލަ ބޭނުންތައް ގިނަކަމުން މިސްކިތް އެޅޭ ކަމަކަށް ނުވެއެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑު ފާފައެކެވެ. ތިބާ އެއިރުން އެބަދަލުވެގެންދަނީ އެންމެ ބޮޑު މަކަރުވެރިންގެ ތެރެއިން މީހަކަށެވެ. އަދި އެއީ މުނާފިޤްކަމުގެ ސިފައެކެވެ. ވީމާ ﷲ ތައާލާއަށް ވަޢުދެއް ވެއްޖެ ނަމަ ކޮންމެ ގޮތަކުން ނަމަވެސް އެ ވައުދު ފުއްދަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ތަނަވަސްކަން ދެއްވެވުމުން އަގު ބޮޑު ކާރާއި ގެދޮރު ގަނެ ނުވަތަ ވިޔަފާރިއަށް އިންވެސްޓްކޮށްފައި މިސްކިތް އަޅަން އެބަ މަސައްކަތްކުރަމޭ ބުނުމަކުން ހަމަހިލާ ނުފުދޭނެއެވެ. މިސްކިތް އަޅަން ވައުދުވީން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ފުރަތަމަ ކަމަކަށް އަޅަން ޖެހޭނީ މިސްކިތެކެވެ.
ދުޢާކުރާއިރު ތަނަވަސްކަން ދެއްވަވައިފިނަމަ ނުވަތަ މިވެނި ނިޢްމަތެއް ދެއްވަވައިފިނަމަ މިވެނިކަމެއް ކުރާނެ ކަމަށް ދެންނެވުމަކީ ވަރަށް ނުބައި ކަމެކެވެ. ދަންނަވާށެވެ! "އިނބަ ﷲ ގެ މަގުގައި މިއަޅާއަށް މިވެނި ހެޔޮ އަމަލެއް ކުރެވޭނެ މަގު ފަހިކޮށްދެއްވަވާނދޭވެ!" މިމޭރުމުން ދަންނަވާއިރު ހުންނަން ޖެހޭ އެކަން ކުރެވޭނެ ގޮތް ވިސްނައި އެކަމަށް ތައްޔާރުވެސް ވެގެންނެވެ.
ބައެއް މީހުން އެބަ ދަންނަވައެވެ. "ތިމަންނާ އިމްތިހާނުން ފާސްވެއްޖެނަމަ މިވެނިކަމެއް ކުރާނަމެވެ. މިބަލިން ގަދަވެއްޖެ ނަމަ މިވެނިކަމެއް ކުރާނަމެވެ. ޤްރްއާން ކިޔަވާނަމެވެ. ނަމާދުކުރާނަމެވެ. ޙައްޖުވާނަމެވެ. ޢުމްރާ ވާނަމެވެ." އެބުނާ އެއްވެސް ކަމެއް އެމީހަކު ނުކުރިއްޔާ ﷲ ތައާލާއަށް އޮންނާނީ ކޮން ކަންބޮޑުވެވޮޑިގަތުމެއް ހެއްޔެވެ؟ ﷲ ތައާލާއަށް އުނިވާނީ ކޮން ކަމެއް ހެއްޔެވެ؟ ވީމާ ދުޢާކުރާއިރުވެސް ޙިކުމަތްތެރިވާން ޖެހޭނެއެވެ.
"ތިމަންނާ މިވެނި ހެޔޮ އަމަލެއް ކޮށްފައިވާނެ ކަމަށް ދަންނަވާށެވެ! ތިމާ ކޮށްފައިވާ ހެޔޮ އަމަލަކާއި ގުޅުވާށެވެ! ކުރަން ހުރި އެއްވެސް އަމަލަކާއި ނުގުޅުވާށެވެ! އެހެނީ އެއްވެސް މީހެއްގެ ކިބައިން ނުވަތަ އެހެން އެއްވެސް ފަރާތަކުން ﷲ ތައާލާ އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ.
ހަމަ އެއާއިއެކު ވިދިވިދިގެން މަސް ދުވަހު، ދެމަސް ދުވަހު ރޯދަ ހިފުން ފަދަ ތިމާއަށް ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަންކަން ކުރާނެ ކަމަށް ނުދަންނަވާށެވެ! އެއިގެ ބަދަލުގައި މިސާލަކަށް 3 ދުވަހު ނުވަތަ ތިމާއަށް ޔަޤީންކަމާއިއެކު ހިފޭނެ އަދަދަދެއްގެ ދުވަހު ރޯދަ ހިފާނެ ކަމަށް ދަންނަވާށެވެ! އަދި އެދޭ ކަންތައް ޙާޞިލުވި ނަމަވެސް ނުވި ނަމަވެސް އެ އަދަދަށް ރޯދަ ހިފާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން