ބޭސްފަރުވާ އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހްމަދު އަދީބު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަދީބު ރާއްޖެ ވަޑައިގަތީ އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކު މިއަދު ހަވީރެވެ.
އަދީބު އިންޑިއާއަށް ވަޑައިގެން ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށެވެ.
އަދީބު މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ހިއްސާ ކުރެއްވި ލިއުމެއްގައި އޭނާ ވިދާޅުވީ އޭނާ އުފަންވީ ދިވެހި ގައުމަށް ކަމަށާއި އޭނާގެ ޒިންމާއަކީ ގައުމަށް ހިދުމަތް ކުރުން ކަމަށެވެ. އަދި އެއްވެސް މީހަކީ ހުރިހާ ކަމެއް މިލްކުވެފައިވާ ފުރިހަމަ މީހެއް ނޫން ކަމަށާއި ސަލާމަތުގެ އައްސޭރިއަށް ވަޑައިގަނެވުނީ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށް އަދީބު ވިދާޅުވިއެވެ.
ބޭސްފަރުވާ ކުރަން އަދީބަށް ދިން މުއްދަތު މިދިޔަ މަހުގެ 26 ގައި ހަމަވާން އޮތަސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދީފައެވެ. އަދި ހަ މަސް ފަހުން އަލުން ދައްކަން އަދީބުގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ވަނީ ލަފާ ދެއްވައިފަ އެވެ.
މީގެކުރިން އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އަދީބަށް ކުރި ހުރިހާ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.