ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ އެކަކީ އެމީހެއްގެ ހިތް މިސްކިތްތަކާއި ގުޅި ލާމެހިފައިވާ މީހާއެވެ. މިސްކިތްތަކާއި ހިތް ގުޅި ލާމެހުމަކީ ވަގުތު ޖެހުމުގެ ކުރިން ޖަމާއަތަށް މިސްކިތަށް ދާން ބޭނުންވުމެވެ. ގިނަ ވަގުތުތައް މިސްކިތުގައި ހޭދަކުރަން ބޭނުންވުމެވެ. އެކަމަށްޓަކައި ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސްމެއެވެ.
ރަސޫލް (ޞޢވ)، އަވަހާރަވުމުގެ އާލާސްކަންފުޅުގައި ހޭދަކުރެއްވެވި 3،4 ދުވަހަށް ބައްލަވާށެވެ! ހުންފުޅު ގަދަކަމުން ހޭފުޅު ނެތި އޮންނަވަނިކޮށް ހޭފުޅު އެރުމުން ސުވާލަކުރައްވަމުން ގެންދެވީ މީސްތަކުން ނަމާދުކޮށްފިތޯއެވެ! އެހާލުކޮޅުގައިވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ ހަށިކޮޅަށް ފެން އަޅުއްވައިގެންވެސް މިސްކިތްކޮޅަށް ނަމާދަށް ވަޑައިގަތުމަށެވެ. 7 ގިރުބާގެ ފެން ހަށިކޮޅަށް އަޅުއްވަވައިގެންވެސް މިސްކިތްކޮޅަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ. އެކަމަށް ހިތްވަރުފުޅު ކުރެއްވެވިއެވެ. އަބޫބަކުރުގެފާނަށް މީސްތަކުންނާއިގެން އިމާމްވެ ނަމާދުކުރައްވަން ޙަދީޘްފުޅު ކުރެއްވެވީ އެ ހާލުކޮޅުގައި މިސްކިތްކޮޅަށް ވަޑައި ނުގެންނެވި ހޭފުޅު ނެތުމުންނެވެ.
(ގިރުބާއަކީ އެ ޒަމާނުގައި ފެން އަޅަން ބަކަރި ހަމުން ހަދާފައި ހުންނަ އެއްޗެކެވެ.)
ހުކުރު ދުވަހެއްގެ ރޭގެ މަޣްރިބް ނަމާދަށްފަހު އެފަދަ ބަލި ހާލުކޮޅުގައި އޮންނެވުމަށްފަހު ހޯމަ ދުވަހު ޢަލީގެފާނާއި ޢައްބާސްގެފާނުގެ ހަށިކޮޅުގައި އެލިވަޑައިގެން އޮންނަވައި، ވަރުފުޅު ދެރަކަމުން ފައިންޕުޅު ބިންމަތީގައި ދަންމަވަމުން (ވަރުފުޅު ނެތުމުން ބިމުގައި ކޭއްތޭ ޙާލުކޮޅުގައި) މިސްކިތްކޮޅަށް ވަޑައިގެންނެވި ކަމަށް ބުނެވެއެވެ.
މިއީ ވަރަށް ވަރުގަދަ މިސާލެކެވެ. އަންގައިދެނީ އިތުރު އެކަލޭގެފާނުގެ ހިތްޕުޅު މިސްކިތްކޮޅާއި ގުޅި ލާމެހިފައިވާ މިންވަރެވެ. އެންމެފަހުން ވަޑައިގެންނެވި ތަނަކަށް ވެސް އެ ހެއްދެވީ މިސްކިތް ކޮޅެވެ.
ޢުމަރުގެފާނުގެ ބަނޑުފުޅަށް ހަންޖަރު ޖެހުމުން އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައިގެންވެސް ސުވާލުކުރައްވަމުން ގެންދެވީ މީސްތަކުން ނަމާދުކޮށްފިތޯއެވެ.
ޢާމިރް ބިން ޢަބްދުﷲ ބިން ޒުބައިރު ބިން އަޢްޤާފް އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވަނިކޮށް މަޣްރިބް ނަމާދަށް ބަންގި ގޮވުމުން ވިދާޅުވީ ނަމާދަށް މިސްކިތަށް ގެންގޮސް ދިނުމަށެވެ. މިސްކިތައް ގެންދެވުނެވެ. އަވަހާރަވީ މަޣްރިބް ނަމާދުގެ ފުރަތަމަ ރަކްޢަތުގެ ސަޖިދައިގައި އޮންނަވަނިކޮށެވެ.
ހަންބަލީ މަޒުހަބުގެ އިމާމްވެރި ބޭކަލުންކުރެ އިމާމްވެރި ބޭކަލެއް ކަމުގައިވާ މުޙައްމަދު ބިން ޚަފީފް އެއްފަޅި ވާގި ނެތް ޙާލުކޮޅުގައި މިސްކިތަށް ވަޑައިގަންނަވަން ބޭނުންފުޅުވުމުން އެކަލޭގެފާނަކީ އުޒުރުވެރިއެއް ކަމަށް ދެންނެވުނެވެ. ޖަވާބުގައި ވިދާޅުވީ "މިސްކިތުގެ ސަފުން ތިމަން ކަލޭގެފާނު ނުފެނިއްޖެ ނަމަ ހޯދަން ޤަބުރުސްތާނަށް ދިއުމަށެވެ. އަދި އެ ހާލުކޮޅުގައިވެސް މިސްކިތަށް ވަޑައިގެންނެވިއެވެ. މިއީ އެބޭކަލުންގެ ހިތްޕުޅުތައް މިސްކިތްތަކާއި ގުޅި ލާމެހިފައިވާ މިންވަރެވެ.
އަޅުގަނޑުމެންގެ މިއަދުގެ ޙާލަތަށް ބަލައިލަމާތޯއެވެ! ނިމިގެން ދިއަ ރަމަޟާން މަސް އައުމުން ރޯދައަށް ތިބެ އަޅުގަނޑުމެން ﷲ ތައާލާއަށް އަހުދާއި ވައުދުވީމުއެވެ. ﷲ ތަޢާލާއަށް ކިޔަމްންތެރިކަން އަދާކުރުމަށެވެ. ނަމާދުކުރުނަމަތީގައި ދެމިތިބުމަށެވެ. އަޅުގަނޑުމެންނަށް މިފެންނަނީ ރަމަޟާން މަހަށްފަހު މިސްކިތްތައް ފަޅުވަމުން އަންނަތަނެވެ. ރަމަޟާން މަހު މިސްކިތް ފުރިގެން މިސްކިތުން ބޭރުގައިވެސް ނަމާދުކުރަން ޖެހުނު މިސްކިތްތައް ނުފުރި ހުސް ޖާގަތައް ހުންނަތަނެވެ. ނަމަވެސް ރަމަޟާން މަހު ފަތިސް ނަމާދުގެ ބަންގި ގޮވުމުގެ ކުރިން މިސްކިތްތައް ފުރި ބާރުވިއެވެ. މިއަދު ފެންނަނީ ކިތައް ސަފުތޯއެވެ؟ ވީމާ އަޅުގަނޑުމެންނަކީ މިސްކިތްތައް ފަޅުކުރާ ބައަކަށް ވެގެން ނުވާނެއެވެ! ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: