ދަރިން ދެކެ ލޯބިވާނަމަ ރަސޫލް (ޞޢވ) ޙަސަންގެފާނާ ޙުސައިންގެފާނާ މެދު އަމަލުފުޅު ކުރެއްވެވިގޮތުން ޢިބްރަތް ޙާޞިލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ދަރިން ދެކެ ލޯބިވާނަމަ ރަސޫލް (ޞޢވ) ޙަސަންގެފާނާ ޙުސައިންގެފާނާ މެދު އަމަލުފުޅު ކުރެއްވެވިގޮތުން ޢިބްރަތް ޙާޞިލުކުރާށެވެ!

"އަހަރެމެންގެ ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން ދަރިކަނބަލުން ފާޠިމަތުގެ ފާނަށް ދަންނަވައިގެން އެކަމަނާގެ 2 ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނު، ނަބިއްޔާ (ޞޢވ)ގެ އަރިއަހަށް ގެންނެވިއެވެ. 

އެއީ އަސަރުން ފުރިގެންދިއަ ވަގުތުކޮޅެކެވެ. ރަސޫލް (ޞޢވ) ކީރިތިފުޅު ކުރެއްވެވިއެވެ. ރަސޫލް (ޞޢވ) އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވާ 2 ކާފަ ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނު ވެސް ކީރިތިފުޅު ކުރެއްވެވިއެވެ. ޙަސަންގެފާނުގެ މޫނުފުޅު ބޭއްވެވީ ރަސޫލް (ޞޢވ)ގެ މޫނުފުޅުމަތީގައެވެ. ޙުސައިންގެފާނުގެ މޫނުފުޅު ބޭއްވެވީ ރަސޫލް (ޞޢވ)ގެ މޭފުޅުމަތީގައެވެ." 

މިފަދަ ހާލަތެއް މެދުވެރިވުމުން މިފަދަ ވަގުތެއްގައި އަހަރެމެންނަށް ކުރާނެ އަސަރާއިމެދު ވިސްނައިލާށެވެ!  ސުވާލަކީ މިފަދަ ވަގުތަކަށް އަހަރެމެންނަށް ތައްޔާރުވެވިފައިވަނީ ކިހައި މިންވަރަކަށް ކަމެވެ. 

އަހަރެމެން ގަދަވެ ސަލާމަތުން ތިބޭއިރު ދަރިންނަށް ލޯބި ދެވޭ ހެއްޔެވެ؟ އަޅައިލެވޭ ހެއްޔެވެ؟ ރަސޫލް (ޞޢވ) އެންމެ ތުއްޕުޅު އިރުންސުރެ ޙަސަންގެފާނާއި ޙުސައިންގެފާނު މިސްކިތްކޮޅަށް ގެންދަވައި މިސްކިތްކޮޅުގައި ގެންގުޅުއްވެވިއެވެ. އެ ދެބޭފުޅުންގެ ހިތްޕުޅުގައި ﷲ ތައާލާއަށް ލޯބި ޖެއްސެވުމަށް މަސައްކަތްޕުޅު ކުރެއްވެވިއެވެ. އުނގުފުޅުގައި ބައިތިއްބަވައިގެން ލޯބިފުޅު ދެއްވެވިއެވެ. 

އަހަރެމެންނަށް މިއިން އެއްވެސް ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ ރަސޫލް (ޞޢވ) ކުރެއްވެވި މިންވަރަށް އެއްވެސް ކަމެއް އަހަރެމެންނަކަށް ނުކުރެވޭނެއެވެ. ނަމަވެސް ކުރެވޭނެ މިންވަރެއް އޮންނާނެ ނޫން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރަށް އެބަ ކަންކަން ކުރެވޭ ހެއްޔެވެ؟ 

ރަސޫލް (ޞޢވ) ޙަސަންގެފާނަށާއި ޙޫސައިންގެފާނަށް އެންމެ ތުއްޕުޅު އިރުންސުރެ ދެއްވެވީ އެކަލޭގެފާނު (ޞޢވ)ގެ ހިތްޕުޅުގެ ލޯބިފުޅެވެ. މަސައްކަތްޕުޅު ކުރެއްވެވީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވެވުމަށެވެ. އަހަރެމެން މިކުރާ ކަމަކީ އެންމެ އަގު ބޮޑު ހެދުން ގަނެދިނުމާއި އަގުބޮޑުހައި ކުޅޭތަކެތި ދިނުމާއި ކާޓޫނު ދެއްކުން ނޫން ހެއްޔެވެ؟ އެކަމުން ކުދިންނަށް ކުރާނީ ކޮން ޙަޤީޤީ ފައިދާއެއް ހެއްޔެވެ؟ 

މައިން ބަފައިންގެ ވެސް ކާފަ އާއި މާމަގެ ވެސް އަދި ޢާއިލާގެ އެންމެންގެވެސް އެންމެ ބޮޑު ޒިންމާއަކަށް ހަދަން ޖެހޭނީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމެވެ. ﷲ ތައާލާ އަށް ލޯބި ޖައްސުވަން މަސައްކަތްކުރުމެވެ. މިސްކިތްތަކަށް ގެންގޮސް މިސްކިތްތަކަށް ހިތް ޖެއްސެވުމެވެ. ކީރިތި ޤްރްއާނަށް ލޯބިކޮށް އަމަލުކުރަން ޝައުޤްވެރިކުރުވުމެވެ. ﷲ ތައާލާއަށް ޖަވާބުދާރީވާން ޖެހޭނީ މިކަންކަމަށެވެ. އެންމެ އަގުބޮޑު ހެދުމާއި އެންމެ އަގުބޮޑު ކުޅޭތަކެތި ނުދީގެންނެއް ނޫނެވެ! އެންމެ ފަހުގެ ކާޓޫނު ނުދައްކައިގެނެއްވެސް ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން