މިއަހަރު ހައްޖަށް ދިއުމަށް ސްރީ ލަންކާއަށްވެސް ހައްޖުކޯޓާ އިތުރުކޮށްދިފިއެވެ. ސްރީލަންކާއަށް އިތުރުކޮށްދިފައިވަނީ 500 މީހުންގެ ކޯޓާއެވެ. އަދި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ވިސާއަށް އެދެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިދީފައެވެ.
ސްރީ ލަންކާއަށް ޙައްޖު ކޯޓާ އިތުރުކޮށްދިނުމުން އެ ޤައުމުގެ މުސްލިމް ލީޑަރުން ގެންދަވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވަމުންނެވެ.
އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރު މުސްލިމުންގެ އަދަދު މަދުވަމުން އައި ނަމަވެސް 1963 ވަނައަހަރުން ފެށިގެން ސްރީ ލަންކާގައި މުސްލިމުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ސްރީ ލަންކާގެ މުސްލިމުންގެ އަދަދު ވަނީ 2 މިލިއަނަށްވުރެ އިތުރުވެ އާބާދީގެ 10 އިންސައްތައަށްވުރެ އިތުރުވެފައެވެ.
ސްރީލަންކާއަށް މިދިއަ އަހަރު ލިބިފައިވަނީ 3000 މީހުންގެ ހައްޖު ކޯޓާއެވެ. މިދިއަ އަހަރު 40000 މީހުން ވަރު އުމުރާވިއެވެ.