ބައެއް މީހުން ބޭނުންވަނީ ވަގުތުވީމާ ގިނަ ވަގުތު ހޭދަކޮށް ކީރިތި ޤްރުއާން ކިޔަވާށެވެ. ވަގުތު ވެގެން ހަމަޖެހިގެން އިނދެ ދިގުކޮށް ޛިކްރުކުރާށެވެ! އެ ވިސްނުމުގައި ހުންނަ މީހާއަށް ގިނަފަހަރު އޮންނާނީ އެއްވެސް ކަމެއް ނުކުރެވިފައެވެ. އެއްވެސް ކަމެއް ކުރެވޭނީ ލިބޭ ކުޑަވަގުތުކޮޅުގެ ބޭނުންވެސް ހިފައިގެންނެވެ.
ކީރިތި ޤްރުއާނުގައި އެންމެ 3 އާޔަތުގެ ސޫރަތްވެސް އެބައޮތެވެ. 4 އާޔަތުގެ ސޫރަތްވެސް އެބައޮތެވެ. އިޚްލާޞް ސޫރަތަކީ ނުހަނު ކުރު، އެންމެ 4 އާޔަތް ހިމެނޭ ސޫރަތެކެވެ. ނަމަވެސް ފައިދާގެ ގޮތުން ބަލައިފިނަމަ ކީރިތި ޤްރުއާނުގެ ތިންބައިކުޅަ އެއްބައެވެ. ވީއިރު މަސައްކަތުގައި އުޅެމުންވެސް، ހިނގަމުންވެސް ކިޔަވަންވީއެވެ. އެމީހަކަށް އެދަނީ ކީރިތި ޤްރުއާން ކިޔެވެމުންނެވެ. ވަގުތު ވީމާ ދިގު ސޫރަތްތައް ވީވަރަކުން ކިޔަވާށެވެ.
سبحان الله وبحمده سبحان الله العظيم
މިއީ ދޫމައްޗަށް އިންތިހާއަށް ފަސޭހަ ދެ ކަލިމައެވެ. އެހެނަސް މީޒާނުގައި ނުހަނު ބުރަ ދެ ކަލިމައެވެ. އެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ﷲ ތައާލާއަށް ޘަނާ ދަންނަވާ މީހާ ޤިޔާމަތް ދުވަހު މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ! އިން ޝާ ﷲ!
ބައެއް ފަހަރު އެއްވެސް ކަމެއް ނެތި އިންނަމެއް ނޫންހެއްޔެވެ؟ މި ދެ ކަލިމަ ކިޔުންމަތީގައި އިނދެބަލާށެވެ! މިކުރަނީ ކީއްކަމާއި މިކިޔާ އެއްޗެއް ހިތްމައްޗަށް ގެންނަމުންނެވެ. އެފަދަ މީހަކަށް ވެވިއްޖެ ނަމަ ޤިޔާމަތް ދުވަހު އެމީހަކު ވާނީ އުފާކުރާ މީޙުންގެ ތެރެއިންނެވެ. އިން ޝާ ﷲ!
- މުފްތީ މެންކުގެ ދަރުސަކުން