ތިބާގެ އަމަލުތައް ލިޔެވޭ ފަތާއިމެދު ސުވާލު އުފައްދާ މީހުންނަށް އަމިއްލަ ފޯނުން މިހާރުވެސް ހެކި ފެނި ޖަވާބު ވެސް ލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތިބާގެ އަމަލުތައް ލިޔެވޭ ފަތާއިމެދު ސުވާލު އުފައްދާ މީހުންނަށް އަމިއްލަ ފޯނުން މިހާރުވެސް ހެކި ފެނި ޖަވާބު ވެސް ލިބޭނެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ތިމާ ކުޅަ އަމަލުތަކުގެ ފަތް ފުރިހަމަވާނެ ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ތިމާ ކުރި ހުރިހާ އަމަލުތަކެއް ހަމަ އެފަތުގައި ލިޔެވި ރެކޯޑް ކުރެވިފައިވާނެ ކަމާއިމެދުގައެވެ. އެފަދަ މީހުންނަށް އެމީހުން ގެންގުޅޭ ސްމާޓް ފޯނުން އެކަމުގެ ހެކި ލިބިގެންދާނެއެވެ. ޖަވާބުވެސް ލިބިގެންދާނެއެވެ. 

އެމީހަކު ފޯނުން ކުރި ހުރިހާ މުޢާމަލާތެއް ނުއެނގޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ވަދެފައި ހުރި ހުރިހާ ވެބްސައިޓުތަކެއް ނުއެނގޭ ހެއްޔެވެ؟ ފޯނުގެ ކާޑު ބޭނުންކުރެވިފައިވާ ކަންކަމާއި ފުރިފައިވާ މިންވަރާއި ބޭނުން ނުކުރެވި ބާކީ ޖާގަހުރިވަރު ނުއެނގޭ ހެއްޔެވެ؟ މިހެންގޮސް ނުއެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އެމީހަކު ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް އެމީހާގެ ފޯނު ހުޅުވޭ ކޮންމެ މީހަކަށް މި ހުރިހާ މައުލޫމާތުތަކެއް ނުހަނު ފަސޭހަކަމާއިއެކު ހޯދިދާނެއެވެ. 

މިހުރިހާ ކަންކަން މިކުރެވެނީ ﷲ ތަޢާލާ ދެއްވެވި ޢިލްމު ބޭނުންކޮށްގެން އިންސާނުން އުފެއްދި ދާދި ކުޑަކުޑަ ވަސީލަތަކުންނެވެ. ވީއިރު އެންމެހައި ޢިލްމުތަކެއް އުފެއްދެވި މިލްކުވެރިފަރާތް، ﷲ ތައާލާއަށް ތިބާ ކުރާ އަމަލުތަކުގެ ރެކޯޑް، ފަތް އެންމެ ފުރިހަމައަށް ލިބިވޮޑިގަތުން އެއްވެސް ކަމަކަށް ވާނެ ކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ ވީމާ "ތިބާ ދުނިޔޭގައި ހޭދަކުރީ މިތައަ ދުވަސް، މިތައް މިނިޓް، މިތައް ސިކުންތު، ތިބާ ކުރި ހެޔޮ އަމަލުތަކަކީ މިއީ. ކުރި ނުބައި ކަންކަން މިހިރީ. ނަތީޖާ މިއޮތީ!" ކަނޑައެޅުއްވެވުން ވާނީ ކިހައި ފަސޭހަފުޅު ކަމަކަށް ހެއްޔެވެ؟  

މީސްތަކުންނޭވެ! ބޮޑު ހިލައެއްގެ އެންމެ އެތެރޭގައި ފޮރުވިފައި އޮންނަ ޒަރެއްގެ މިންވަރުގެ ކުޑަކުޑަ، މީސްތަކުންގެ ހަމަލޮލަށް ނުފެންނަވަރުގެ އެތިކޮޅުވެސް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރު ކުރެވޭނެ ކަމަށް ހީނުކުރާށެވެ! ތިބާގެ ފަތުގައި ނުލިޔުއްވެވޭނެ ކަމަށް ހީކޮށް ހަމަ އެއްވެސް ކަމެއް ނުކުރާށެވެ! އެކަންކަމުގެ މަތިން ތިބާ ހަނދާންވެސް ނެތިދާނެއެވެ. ނަމަވެސް ތިބާ ދިރިހުރެ ކުރާ ހުރިހާ ކަމެއް ޤިޔާމަތް ދުވަހު ތިބާގެ ކުރިމަތީގައި އަތުރައލިވޭނެއެވެ. އެކަންކަން އަމިއްލައަށް ހެކިދޭނެއެވެ. އެކަންކަން ކުރި ތިބާގެ ގުނަވަންތައްވެސް ހެކިދޭނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން