ކައްވަޅަކީ ނުވަތަ ބަރުޒަޚުގެ ޢާލަމީ އަހަރެމެންގެ ދާއިމީ ހަޔާތުގެ ފުރަތަމަ މަރުހަލާއެވެ. އަދި އަހަރެމްނެ ދުނިޔޭގައި ތިބެ ކުރި މަސައްކަތުގެ ނަތީޖާ ވެސް އެނގިގެންދާ މަރުހަލާއެވެ. އެކަން އެނގެނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުންނެވެ. "ކައްވަޅު އެމީހަކަށް ފަސޭހަ ވެއްޖެ ނަމަ ފަހުން ކުރިމަތިލާންޖެހޭ ކަންކަން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށާއި ކައްވަޅު އުނދަގޫ ވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭ ހަޔާތުގެ ކަންކަން އިތުރަށް އުނދަގޫވެގެންދާނެ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.
ކައްވަޅުގައި ކުރެއްވޭ 3 ސުވާލަށް ޖަވާބު ދެވި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ޖާގަ ދެއްކެވޭ މީހުން ބުނާނެތެވެ. ޤިޔާމަތްވުން އަވަސްކުރައްވަވާނދޭވެ!" ނަމަވެސް ޖަވާބު ނުދެވި، އެމީހަކަށް ނަރައިން ލިބޭނެ ޖާގަ ދައްކަވާ މީހުން އެދޭނީ ދުވަހަކުވެސް ޤިޔާމަތް ނުވުމަށެވެ. އެއީ އާޚިރަތް ދުވަހު ލިބޭނެ ޢަޛާބު މާ ބޮޑުވާނެތީއެވެ.
މީގެ 13 ވަރަކަށް އަހަރުކުރިން އުޅުނު ވަރަށް މުއްސަނދި އަންހެނަކު ބޭނުންވީ އޭނާ މަރުވުމުން އޭނާގެ އަގުބޮޑު ކާރާއިއެކު ވަޅުލެވޭށެވެ. އޭނާ އެދުނު ގޮތަށް މީސްތަކުން އެކަންތައް ކޮށްދިނެވެ. ބޮޑު ކައްވަޅެއް ކޮނެފައި އޭނާގެ ޤަބުރާއި ޖެހިގެން ކާރުވެސް ވަޅުލިއެވެ. ސުވާލަކީ އެ ކާރު އެތަނުގައި ވަޅުލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
އެތަން ބަލަން ހުރި މީހަކު ވަގުތުން ބުންޏެވެ. އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތް ކުރުމަށްފަހުގައި ނޫނީ އަހަރެން ވަޅުވެސް ނުލަން ވަޞިއްޔަތް ކުރަމެވެ. މީސްތަކުންނޭވެ! އޭނާ އެކުރީ ވަރަށް ފައިދާހުރި ވަޞިއްޔަތެކެވެ. އެ ވަޞިއްޔަތަށް އޭނާގެ ދަރިން، ވާރިސުން އަމަލުކޮށްފިނަމަ އޭނާ ކައްވަޅަށް ދާނީ އޭނާގެ ހުރިހާ މުދައު ހިފައިގެންނެވެ. އޭނާއަށް ކައްވަޅުގައިވެސް އާޚިރަތް ދުވަހުގައިވެސް އޭނާގެ މުދަލުން ފައިދާކުރާނެއެވެ.
ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުނިޔޭގައި ހުރެ އަމިއްލަ އަށް ވީހައި ގިނައިން ޞަދަޤާތް ކުރަމުން ދިއުމެވެ. ގިނައިން ލިބޭނަމަ ގިނައިންނެވެ. މަދުން ލިބޭނަމަ ލިބޭ މަދު މިންވަރުންނެވެ. މީގެ އިތުރުން އެމިހާ އެކުރި ފަދައިން އެމީހެއްގެ މުދައު އެކުގައި ނުވަތަ މުދަލުން ބައެއް ޞަދަޤާތްކުރަން ވަޞިއްޔަތް ކުރަންވީއެވެ.
ކޮންމެ ގޮތެއްވީ ނަމަވެސް ކޮންމެ މީހަކުވެސް ޔަޤީންކުރަން ޖެހޭނެ ކަމަކީ މީހާ ވަޅުލެވޭނީ އެމިހާ ދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލުތަކާއި އަދި ނުބައި އަމަލުތަކާއިވެސް އެކުގައިކަމެވެ. އެހިސާބުން ގިނަ މީހުންނަށް ދުނިޔޭގެ ފަތް ބަންދުވީއެވެ. ނަމަވެސް ފަތް ބަންދު ނުވާނެ ބައަކު ތިބޭނެއެވެ. އެއީ މަރުވި ނަމަވެސް އެމީހަކަށް އެކަމަކުން ސަވާބު ލިބެމުންދާނެ ފަދަ ހެޔޮ އަމަލެއް ކޮށްފައިވާ މީހުންނެވެ. މިސާލަކަށް ޢިލްމު ފަތުރަން މަގުފަހިކުރުން، މިސްކިތެއް އެޅުން، މީސްތަކުންނަށް ފެން ލިބޭނެ މަގު ފަހިކޮށް ދިނުން ފަދަ ކަންކަމެވެ. ދެން ޞާލިޙް ދަރިންގެ ދުޢާއެވެ.
ކަން ހުރީ މިހެން ނަމވެސް ބަރުޒަޚުގެ ޢާލަމަށް ދިއުމަށް ތައްޔާރުވަނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުންނާއި މަރު އައިސް ކުރިމަތިލަނީ އެއްވެސް ވަރަކަށް ތައްޔާރު ނުވެ ތިއްބައެވެ! އެއީ އެންމެ ހިތާމަވެރި ނިމުމެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހުންގެ ތެރެއިން ނުވުމަށެވެ.
- ބިލާލް އައްސަދުގެ ދަރުސަޚުން