މީހަކު ބަލިކުރަން އެންމެ ފަސޭހަވާނެ ހަތިޔާރަކީ ރިވެތި އަޚްލާޤެވެ!: ޢުމަރުގެފާނުގެ ބަސްފުޅެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މީހަކު ބަލިކުރަން އެންމެ ފަސޭހަވާނެ ހަތިޔާރަކީ ރިވެތި އަޚްލާޤެވެ!: ޢުމަރުގެފާނުގެ ބަސްފުޅެއް

"މީހަކު ބަލިކުރަން އެންމެ އެންމެ ފަސޭހަވާނެ ހަތިޔާރަކީ ރިވެތި އަޚްލާޤެވެ!" މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. 

މިއަދު ގިނަ ބައަކަށް ހީވަނީ އަނެކާ ބަލިކުރެވޭނީ ހަތިޔާރުން ކަމަށެވެ. ގަދަ ބާރުން ކަމަށެވެ. ނުވަތަ ހަޑިހުތުރު އެއްޗެތި ގޮވުމާއި އަޑުގަދަކުރި ވަރަކުން ކަމަށެވެ. ނަމަވެސް މިއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. 

ބައެއްގެ ތެރޭގައި ހުއްޓައި މީހަކު އައިސް އެއްޗެތިތަކެއް ގޮވައިފިނަމަ އެވަގުތު ވަރަށް ލަދުގަންނާނެއެވެ! ރުޅިވެސް ގަދަވާނެއެވެ! ނަމަވެސް އޭނާ ފަދައިން ރައްދު ނުދޭށެވެ! ޙިކުމަތްތެރިވާށެވެ! އޭނާއަށް ޖަވާބުދޭން ބޭނުންވާނަމަވެސް މަޑުމައިތިރިކަމާއި، އޭނާއަށް އިޙްތިރާމް ކުރުމާއިއެކު ޖަވާބު ދޭށެވެ! އެއިރުން އެމީހާއަށް މާ އަސަރުކުރާނެއެވެ! ދެރަވެސް ވާނެއެވެ. ލަދުވެސް ގަންނާނެއެވެ. 

ދާދިފަހުން ކުރިމަތިވި ކަމެއް ބުނަން ހެއްޔެވެ؟ އަހަރެން ދިން ދަރުސަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައަކު ވަރަށް ބޮޑަށް ދިމާކުރިއެވެ. އެމީހުންނަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލުވެސް ކުރާ ބައެއް ނޫނެވެ. އެމީހުންނަށް ޖަވާބު ދިނީމެވެ. ދެމުން ގެންދިއައީ ވަރަށް ހިކުމަތްތެރިކަމާއިއެކު ރިވެތި ބަހުރުވައިންނެވެ. އެމީހުންނަށްވެސް އިހްތިރާމްކުރަމުންނެވެ. ހާމަކުރަމުން ގެންދިއައީ ކީރިތި ޤްރުއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތަކެވެ. 

ނަތީޖާ އެނގޭ ހެއްޔެވެ؟ ކުއްލިއަކަށް ފެނުނީ އެއިގެ ތެރެއިން މީހަކު އަހަރެންގެ ދިފާޢުގައި މެސެޖުތައް ޢާންމުކުރަން ފެށިތަނެވެ. ފުރަތަމަވެސް ބުނި ބަހަކީ މިއުޅޭ އެތީސްޓުން މިހިރީ ތިމަންނާގެ ބޯ ގޮއްވާލައި މަގުފުރައްދާފައި ކަމަށެވެ. ވީމާ މިކަމުންވެސް އެނގެނީ ރިވެތި ގޮތުގައި އަމަލުކުރުމުން އެކަމުގެ ނަތީޖާ ވަރަށް ފޮނިކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން