ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ފުރަތަމަ ޕްރޮޖެކްޓް އިފްތިތާހު ކޮށްފިއެވެ. ނެއްލައިދޫ ކޮމިއުނިޓީ ޕާކުގެ ނަމުގައި ހދ. ނެއްލައިދޫ ގައި ގާއިމް ކޮށްފައިވާ ޕާކު ހުޅުވާފައިވަނީ އިއްޔެ ހަވީރުއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.
" ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ. ބީ އެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް މިވަނީ އިތުރުވެގެން ގޮސްފަ. މި ގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން." ބޭންކް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

"ރަށުގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއްގައި ބައްދަލުކޮށްލާނެ ރަނގަޅު މައިޒާނެއް ނުވަތަ ޕާކެއް ނޯވޭ. މިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ ނުކުރެވި އޮތް ކަމެއް މި ކަމަކީ. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އަށް ހުޅުވާލުމާއެކު ހިޔާލަށް އައީ ރަށަށް މިވަގުތު އެންމެ މުހިންމުއެއް ކަމަކީ މިފަދަ ޕާކެއް ގާއިމްކުރުން ކަމަށް. އަޅުގަނޑުގެ ޕްރޮޕޯސަލް ކާމިޔާބުވެ، މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވިކަމަށްޓަކައި ބީއެމްއެލް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި ޕާކުގައި މަސައްކަތްކޮށްދެއްވި ރަށުގެ އެންމެހާ ބޭފުޅުންނަށްވެސް މި ފުރުސަތުގައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން." ނެއްލައިދޫ ކޮމިއުނިޓީ ޕާކް ޕްރޮޕޯސަލް ކާމިޔާބު ކުރި ހާމިދު ރަޝީދު ވިދާޅުވިއެވެ.
2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ، މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.