ޢާއިލާއިން މަރުވެފައިވާ މީހުންނަށްޓަކައި އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަން ކުރުމުން ތިމާއަށްވެސް އެކަމުގެ ފައިދާކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޢާއިލާއިން މަރުވެފައިވާ މީހުންނަށްޓަކައި އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަން ކުރުމުން ތިމާއަށްވެސް އެކަމުގެ ފައިދާކުރާނެ!

ދަރިންނާއި މައިން ބަފައިން މަރުވުމުން އެމީހުން މަރުވި ދުވަސް ބައެއް މީހުން ފާހަގަކުރެއެވެ. މިއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ސުވާލަކީ މަރުވިތާ އަހަރު ފުރޭ ދުވަސް ފާހަގަކުރުމުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރުގެ ދެން ފާއިތުވި 364 ދުވަހު އެ ދަރިންނާއި މައިން ބަފައިން މަތިން ހަނދާންކުރިން ހެއްޔެވެ؟ އެމީހުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް ކުރިން ހެއްޔެވެ؟ 

ހަޔާތުގެ ކޮންމެ ދުވަހަކީވެސް މަރުވެފައިވާ ޢާއިލާގެ މީހުންގެ މަތިން ހަނދުމަކޮށް އެމީހުންގެ މައްޗަށް ހެޔޮދުޢާކުރާ ދުވަހަކަށް ހަދާށެވެ. އެއީ އަހަރެމެންނަށް ކުރަން ޖެހޭނެ ކަމެކެވެ. އަދި ތަނަވަސްކަން ހުރި މިންވަރަކުން ޞަދަޤާތްވެސް ކުރާށެވެ! މިސްކިތްތަކާއި ސްކޫލްތައްވެސް އަޅާށެވެ! އެކަންކަން ކުރުމުން މަރުވެފައިވާ މީހުންނަށް އެކަންކަމުގެ ފައިދާ ކުރާނެއެވެ. އަދި އެކަންކަން ކުރި މީހަކަށްވެސް އެކަމުގެ ފައިދާކުރާށެވެ! 

ދީނުގެ އިލްމާއި މުޖުތަމައުއަށް ފައިދާކުރާނެ ޢިލްމު މީސްތަކުންނަށް އުނގަންނައި ދިނުމަކީވެސް ކުރަން ވަރަށް ފައިދާހުރި ކަމެކެވެ. އެއިރުން އުނގެނު މީހާ ކުރާ ޚިދުމަތުން އެކަމަށް މަގުފަހިކޮށްދިން މީހަކަށް ދާނީ ފައިދާކުރަމުންނެވެ. 

ވީމާ މަރުވެފައިވާ މީހުންގެ ހަނދާން އައުކުރުމަށްޓަކައި ކުރަންވީ މަރުވެފައިވީ މީހުންނަށް އާޚިރަތުގައި ފައިދާކުރާނެ ކަންކަމެވެ.  ވަރަށް ފަހުން އިނގިރޭސިވިލާތުގެ މުސްލިމަކު ވަނީ އޭނާ އިމާރާތްކުރި ޓަވަރެއްގެ ދެ ބުރި ވަޤްފް ބިނާއެއް ކަމުގައި ހަމަޖައްސައި އެ ބިނާއިން ލިބޭ ފައިސާއަކީ އޭނާގެ މައިންބަފައިންނަށް ކުރާ ޞަދަޤާތެއް ކަމުގައި ހަމަޖައްސައިފައެވެ. ބައެއް މުސްލިމުން ވަނީ އެމީހުންގެ މަރުވެފައިވާ އަނބިންނަށްޓަކައި ވެސް މިފަދަ ޞަދަޤާތްތައް ކޮށްފައެވެ. މިކަންކަމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ފައިދާހުރި ކަންކަމެވެ. މަރުވެފައިވާ މީހާއަށް އެކަންކަމުގެ ސަބަބުން ފައިދާ ކުރުމުގެ އިތުރުން އެކަންކުރި މީހަކަށްވެސް އެކަމުގެ ފައިދާ ލިބެމުންދާނެއެވެ. 

މިފަދަ ބޮޑެތި ހޭދަތައް ކުރެވެން ނެތް މީހުން ވެސް މާޔޫސްވާކަށް ނުޖެހެއެވެ. އެހެނީ އެމީހާގެ ޙާލަތު ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ. އެފަދަ މީހުން ދުޢާކުރުން ގިނަކުރާށެވެ! އެދުޢާގެ ފައިދާ ދުޢާކުރާ މީހާއަށްވެސް ކުރާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން