އަބޫ ޠަލްހާގެފާނު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. "އެއްދުވަހަކު ރަސޫލް (ޞޢވ) މޫނުފުޅުމަތި އުފާވެރިކަމުން ފުރިގެންދިއައެވެ. އަދި އެފަދަ ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ސަބަބު ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވަވައި ހަދީޘްފުޅު ކުރެއްވެވިއެވެ. "ދެންމެ ޖިބްރީލްގެފާނު ތިމަން ކަލޭގެފާނު (ޞޢވ) ގެ އަރިއަހަށް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އެއްވެސް މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފިނަމަ ﷲ ތައާލާ އެމީހަކަށް 10 ފަހަރު ޞަލަވާތް ލައްވަވާނެތެވެ. އަދި ޖިބްރީލްގެފާނު ވެސް މެއެވެ."
ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނެ އެއް ކަމަކީ ﷲ ތައާލާ އާއި ޖިބްރީލްގެފާނު އެމީހެއްގެ ނަމުން މުޚާޠަބްކުރެއްވެވުމެވެ. ނިކަން ބުނެބަލާށެވެ! އެންމެ ބޮޑަށް އެދޭނީ އެކަމަށް ނޫންހެއްޔެވެ؟ އެއީ ކޮންމެ މުސްލިމަކަށް ވެސް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެކެވެ. ހަމައެކަނި ކޮށްލަންޖެހޭނެ ކަމަކީ ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާ ކުރުމެވެ. ވީއިރު މިއީ ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! މިސްކިތްތަކުގައި ތިބެ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ހަމަ މިފަދަ މަތިވެރިކަމެކެވެ. މީސްތަކުން އެއްވެ ތިބެ ﷲ ތައާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާ ނަމަ އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އަދި ހަމަ އެހިނދު ޖިބްރީލްގެފާނު އުޑުތަކުގައި އިޢުލާނު ކުރައްވަވައި އެތައް ޓްރިލިއަން ޓްރިލިއަން މަލާއިކަތުންނަށް އެކަން އަންގަވަތެވެ. އެހިނދު ތިބާގެ ނަން އެދަނީ އުޑުތަކުގައި އިއުލާނުކުރެވިގެންނެވެ. ﷲ ތައާލާ ލޯބިވެވަޑައިގަންނަވާ އަޅެއްގެ ގޮތުގައެވެ.
އަހަރެމެން އުންމީދުކުރަންވީ އަހަރެމެން މިތިބަ މަޖިލީހުގައި ތިބި އެންމެންނަށްވެސް ﷲ ތަޢަލާގެ ލޯބިވެވޮޑިގަތުން ލިބި އުޑުތަކުގައި އަހަރެމެންގެ އެންމެންގެ ނަންނަތައްވެސް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ޖިބްރީލްގެފާނު އިއުލާނުކޮށްދެއްވަވާނެ ކަމަށެވެ.
ރަމަޟާން މަހުގައި އަންނަ ލައިލަތުލްޤަދްރި ވިލޭރެއަކީ ވަކިން ޚާއްޞަ ރެއެކެވެ. އެރެއަކީ ޖިބްރީލްގެފާނު ބިމަސް ފައިބައިވަޑައިގަންނަވާ ރެއެވެ. ނިކަން ވިސްނައިލަބަލާށެވެ! ތިބާ ހުރީ ގޭގައި ރޭއަޅުކަން ކުރާށެވެ! ތިބާގެ ގެއަށް ޖިބްރީލްގެފާނު ވަޑައިގަތީއެވެ. ތިބާ ރޭއަޅުކަމުގައި ހުރިކަމުގެ ވާހަކަ ޖިބްރީލްގެފާނު ﷲ ތަޢާލާއަށް ދެންނެވީއެވެ. ތިބާއަށާއި ތިބާގެ ގެއަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނެ ރަހްމަތްފުޅުތަކާއި ނިއްމަތްފުލުތައް ހިތަށް ގެނެސްބަލާށެވެ!
- ޝައިޚް ޢުމަރު ސުލައިމާންގެ ދަރުސަކުން