ޖިބްރީލްގެފާނު، ރަސޫލް (ޞޢވ) އަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅުގައި ކޮންމެ މުސްލިމަކުވެސް ހިފަހައްޓަން ޖެހޭނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޖިބްރީލްގެފާނު، ރަސޫލް (ޞޢވ) އަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅުގައި ކޮންމެ މުސްލިމަކުވެސް ހިފަހައްޓަން ޖެހޭނެ!: ޢުމަރު ސުލައިމާން

ޖިބްރީލްގެފާނު ރަސޫލް (ޞޢވ) އަށް 5 ކަމަކަށް ވަސިއްޔަތްޕުޅު ކުރެއްވެވިއެވެ. އަދި މިކަންކަން ބަޔާން ކުރެއްވެވީ "ޔާ މުޙައްމަދު" އެވެ ވިދާޅުވެއެވެ. ވީމާ މިއީ ވަޙީގެ ބޭރުން ޖިބްރީލްގެފާނުގެ އަމިއްލަފުޅު ހައިޞައްޔަތުން ކުރެއްވެވި 5 ވަޞިއްޔަތްފުޅުކަން އެނގިގެން ދެއެވެ. ކީރިތި ޤްރުއާނުގައި އަބަދުވެސް އޮންނާނީ "ޔާ ރަސޫލުﷲ" ނުވަތަ "ޔާ ނަބިއްޔުﷲ" އެވެ. (ﷲ ގެ ރަސޫލާ ނުވަތަ ﷲ ގެ ނަބިއްޔާ) މިފަދައިންނެވެ. 

1 - ދުނިޔޭގައި ބޭނުންފުޅު ގޮތަކަށް އުޅުއްވާށެވެ! ނަމަވެސް އެއް ދުވަހު ނުވަތަ ކޮންމެވެސް ދުވަހަކު ސުވަރުގެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުފުޅު ކުރައްވަވާށެވެ. 

މިބަސްފުޅުގެ މާނައަކީ ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވިދާނެ ކަމާއި ނަމަވެސް ކޮންމެވެސް ދުވަހަކުން ނުވަތަ ޢުމުރު ހަމަވުމުން މަރުވާނެކަން ޤަބޫލުކުރަން ޖެހޭނެ ކަމެވެ. ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެމުން ގެންދާއިރު މަރުވާނެ ކަމާއި ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ޖެހޭނެކަން ޤަބޫލުކުރަން ޖެހޭނެ ކަމެވެ. ދުނިޔޭގައި އުޅެން ޖެހޭނީ މަރަށް ބިރުވެތިވެގެން ކަމެވެ. 

2 - އެމީހުންނާއި ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުފުޅު ކުރައްވައިގެން މީހުން ދެކެ ލޯބިވެވަޑައިގަންނަވާށެވެ! 

މާނައަކީ އެއްވެސް މީހަކާއި ވަކި ނުވެވޭނެ ވަރަށް ލޯބި ނުވުމެވެ. ދިމާވާ ސަބަބަކުން ވެސް ވަކިވާން ޖެހިދާނެއެވެ. އަދި އެކަކު މަރުވުމުންވެސް ވަކިވާން ޖެހިދާނެއެވެ. 

3 - ކޮންމެ ކަމެއް ވެސް ކުރައްވަންވާނީ އެކަމަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ލިބިވަޑައިގަންނަވާނެކަން އެނގިވަޑައިގެން، ޤަބޫލުފުޅު ކުރައްވަވައި ހުންނަވައިގެންނެވެ. 

މާނައަކީ ހެޔޮ އަމަލުކުރަންވީ ޤިޔާމަތް ދުވަހު އެކަމަށް ސަވާބު ދެއްވަވާނެ ކަމަށް އުންމީދުކޮށްގެން ހުރެއެވެ. އަދި ނުބައި އަމަލުކުރާއިރު ޤިޔާމަތް ދުވަހު އެކަމަށް ޙައްޤު ޢަޛާބު ދެއްވަވާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ޢަޛާބު ނުދެއްވަވާނެ ކަމަށް ބަލައި ފާފަ ނުކުރާށެވެ! 

4 - މީހާގެ މަތިވެރިކަން ވަނީ ލިބޭ ދުނިޔޭގެ މަތިވެރިކަމަކުން ނޫނެވެ. ލިބޭ ރަސްކަމުގެ ޢިއްޒަތަކުން ވެސް ނޫނެވެ. ރޭގަނޑުގެ ނަމާދުކުރުމުންނެވެ. މާނައަކީ ދަމުނަމާދުކުރުމުންނެވެ. 

މިއީ ދަމު ނަމާދުކުރުމުގެ މުހިންމުކަން ބަޔާންކުރައްވަވައި ދަމުދަމާދުކުރުމަށް ކުރައްވަވާފައިވާ ވަޞިއްޔަތްޕުޅެކެވެ. 

5 - މީހާގެ ޢިއްޒަތްތެރިކަމަކީ އެހެން މީހުންގެ ކައިރިން ކަންކަމު ނުއެދި ﷲ ތަޢާލާ ދެއްވަވާ ވަރަށް ފުދިގެން އުޅުމެވެ. 

މިބަސްފުޅުން އެނގިގެންދަނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ މީސްމީހުންގެ ގާތަށް ގޮސް ކަންކަމުގައި އެދުމެއް ނެތްކަމާއި ބޭނުންވާ ކަންކަމަށް ދުޢާކޮށް ދަންނަވަންވީ ﷲ ތަޢާލާއަށް ކަމެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން