ކޮރަޕްޝަނުގައި މުވައްޒަފުން ބައިވެރިވިކަމަށް އޮޑިޓަކުން ނުދައްކާ: ބީއެމްއެލް

ކިޔުމަށް ހޭދަވާނީ 1މ 39ސ
ކޮރަޕްޝަނުގައި މުވައްޒަފުން ބައިވެރިވިކަމަށް އޮޑިޓަކުން ނުދައްކާ: ބީއެމްއެލް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބެންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް މިހާތަނަށް ހެދި އެއްވެސް އޮޑިޓެއްގައި ފާހަގަކޮށްފައިނުވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

 

ބީއެމްއެލް އިން މިހެން ބުނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލާގައި ބޭންކްގެ 38 މުވައްޒަފެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

 

ބީއެމްއެލްއިން ބުނީ އެ ބޭންކަކީ ގާނުނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ބެންކެއް ކަމަށާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރަށް ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ވަނީ ބެންކުގައި ގާއިމުކުރެވިފައި ކަމަށެވެ. މީގެއިތުރުން ބެންކުގެ މުވައްޒަފުން އަމަލުކުރަމުންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލައި ޒިންމާދާރުކުރެވޭނެ އިންތިޒާމުތައް ގާއިމްކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލް ގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ބީއެލްއެލްއިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ބެންކުން ހެދި އިންޓާނަލް އޮޑިޓްގެ އިތުރަށް އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވާ ގޮތުގައި ބެންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބެންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ. މިއިން އެއްވެސް އޮޑިޓަކުން ބެންކުން މި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މިއަދު އޮންލައިން