"މާބަނޑު އިރު ދިމާވާ ޚާއްޞަ ޙާލަތަކާއި ގުޅިގެން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުނު ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެހެނީ ނަމާދުގައި ޚުޝޫޢަތްތެރި ނުވެވެނީ ޙާލަތު ހުރި ގޮތުނަކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަމާއި ހާސްވެ ކަންބޮޑުވާކަށް ނުޖެހެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "މާބަނޑު ދުވަސްވަރު ވާއުނދަގޫތަކުގެ ސަބަބުން ނަމާދުގައި ހުންނައިރު ބައެއް ފަހަރު ޚުޝޫޢަތްތެރި ނުވެވޭ ކަމަށާއި އެހާލަތުގައި ކުރާ ނަމާދު ޤަބޫލުފުޅު ކުރައްވަވާނެ ކަމާއިމެދު ސުވާލު އުފެދޭ" ކަމަށް ބުނެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ޑރ. އިޔާޟް ގެ ބަސްފުޅުން އެނގެނީ ވޭން އެޅި ނަމަވެސް ކިރިޔާވެސް ކުރެވޭނަމަ ނަމާދުކުރަން ޖެހޭނެ ކަމެވެ. ނަމާދު ނުކޮށް ދޫކޮށްލަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިގެން ކަމެވެ. ވީމާ ކިރިޔާ ކަމެއް މެދުވެރިވާއިރަށް އެކަން ބަހަނާއަކަށް ދައްކައި ނަމާދުކުރަން ފަސްޖެހޭ މީހުން އިތުރަށް ވިސްނައިލުން ރަނގަޅެވެ.
މާބަނޑުއިރު މައިމީހާގެ ތަޤްވާވެރިކަމުގެ ފައިދާ ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާނެ ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.