ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން މާއެނބޫދޫ ސްކޫލަށް ހަތް ސަތޭކަ އަށްވުރެ ގިނަ ފޮތާއެކު ލައިބްރަރީއެއް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން މާއެނބޫދޫ ސްކޫލަށް ހަތް ސަތޭކަ އަށްވުރެ ގިނަ ފޮތާއެކު ލައިބްރަރީއެއް ހަދިޔާކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ދ. މާއެނބޫދޫ ސްކޫލުގައި 700 އަށް ވުރެ ގިނަ ފޮތާއެކު ސްކޫލު ލައިބްރަރީ ތަރައްގީ ކޮށްދީފިއެވެ. 

ބީއެމްއެލް އިން ބުނީ މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރި ދެވަނަ ޕްރޮޖެކްޓްެއެވެ. މާއެނބޫދޫ ސްކޫލުގައި ތަރައްގީ ކުރެވުނު މި ލައިބްރަރީ ހުޅުވުނީ މިއަދު ހަވީރު އެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. 

"ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ. މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ." މި ފަންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.    

"މިހާރު ގިނަ ކުދިންގެ ސަމާލުކަން މިހުންނަނީ ގޭމް ކުޅުމާ އެކި ކަހަލަ އިލެކްޓްރޯނިކް ގެޖެޓް ތަކަށް. އަޅުގަނޑަކީ ޓީކަރެއް، އެގޮތުން އަބަދުވެސް ދެކޭ ހުވަފެނެއް މިއީ މި ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިވުން. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުޅުވާލުވާއެކު އެންމެ ފުރަތަމަވެސް ބޭނުންވީ މިހާރު ހުރި ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުން. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މިއީ މިރަށު ސްކޫލު ކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ" މާއެނބޫދޫ ގައި ލައިބްރަރީ ހެދުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ނާސިދު އާދަމް ނަސީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ، މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. 

 

މިއަދު އޮންލައިން