މާފަށް އެދެން ހުރަސް އަޅަނީ އިބިލީސް! - އެއީ އޭނާ އާއެކު ނަރަކައަށް ވައްދާ ބައި ގިނަކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާފަށް އެދެން ހުރަސް އަޅަނީ އިބިލީސް! - އެއީ އޭނާ އާއެކު ނަރަކައަށް ވައްދާ ބައި ގިނަކުރަން!

މީހަކާއިމެދު ކުށެއް ކުރެވިފައިވާނަމަ، އަދި އެންމެ ކުޑަމިނުން ނުބައި ބަހެއް ބުނެވިފައިވީނަމަވެސް އެމީހެއްގެ ކިބައިން މަޢާފަށް އެދެން ޖެހޭކަން އެއީ ޔަޤީންކަމެކެވެ. ނޫން ނަމަ އެމީހަކު ޤިޔާމަތް ދުވަހު އެމިހާގެ ޙައްޤު ހޯދަން ތިބާ އާއި ކުރިމަތިލާނެއެވެ. އަދި ޖެހޭނީވެސް ބަދަލު ދޭށެވެ. 

މިކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރެއެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން ބޭނުންވެސް ވެއެވެ. ނަމަވެސް ހިތާމައަކީ މާފަށް އެދުމުގެ ފުރުޞަތު ބައެއް މީހުންނަށް ނުލިބޭ ކަމެކެވެ. އެހެން އެކަން މެދުވެރި އެވަނީ އެދެމެދަށް ޝައިޠާނާ ވަދެގަންނާތީއެވެ. ތިއަކަން ކުރުމުން ތިމާގެ އަގު ވެއްޓޭނެ ކަމަށް ބުނެ ބިރު ދައްކާތީއެވެ. ޝައިޠާނާގެ ބޭނުމަކީ އެ މައްސަލަ ދުނިޔޭގައި ހައްލުކުރިއަ ނުދިނުމެވެ. ދެމީހުންގެ މައްސަލަ ޤިޔާމަތް ދުވަހަށް ބޭއްވުމެވެ. 

އެގޮތަށް ބޭނުންވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އެމީހާއަށް ބަދަލުދޭން ޖެހުމުން ތިބާގެ ހެޔޮ އަމަލުތައް މަދުވެ ތިބާއަކީވެސް ނަރަކައަށް ދާން ޖެހިދާނެ މީހެއް ކަމުގައި ހެދޭތޯ ބެލުމެވެ. އިބިލީހާއި އެކު ނަރަކަސް ވެއްދޭނެ މީހުންގެ އަދަދު ވީހައި ގިނަ ކުރުމެވެ. އެއިގެ ތެރޭގައި ތިބާވެސް ހިމެނުމެވެ. 

ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އިބިލީހުގެ ބަހަށް ނުހެއްލޭށެވެ. މާފަށް އެދެންޖެހޭ އެންމެންގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ! މާފަށް އެދުމުން މާފު ނުކުރުމަކީ ތިބާގެ މައްސަލައެއް ނޫނެވެ. އެއީ އެމީހާގެ މައްސަލައެކެވެ. މާފަށް އެދުމުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ. ވީމާ މާފު ނުކޮށްފާނެ ކަމަށް ބަލައި މާފަށް ނުއެދު ހުރުމެއް ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން