ފާޚާނާގަ ހުންނައިރު މީހަކަށް އަޢުރަ ފެނިދާނެތީ ފޮރުވާއިރު ޖިންނި ޝައިޠާނުންނަށް ދައްކަން ބިރު ނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފާޚާނާގަ ހުންނައިރު މީހަކަށް އަޢުރަ ފެނިދާނެތީ ފޮރުވާއިރު ޖިންނި ޝައިޠާނުންނަށް ދައްކަން ބިރު ނުގަންނަނީ ކީއްވެ؟

ފާޚާނާގަ ހުންނައިރު މީހަކު ބަލައިފާނެތީ އެކަން ނުކުރެވޭނެ ގޮތް އެންމެންވެސް ހަދައެވެ. އަމިއްލަ ކޮޓަރީގައި ހުންނަ ފާޚާނާއަކަށް ވަން ނަމަވެސް އެހެން މީހަކަށް ތިމާ ފާޚާނާގައި އުޅޭއިރު ނުފެންނާނެކަން ކަށަވަރުކުރެއެވެ. ދެމަފިރިން ކަމުގައިވީނަމަވެސް ގިނަ މީހުން އެމީހުން ފާޚާނާގައި އުޅޭއިރު އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ފެންނާކަށް ބޭނުމެއް ނުވާނެއެވެ. 

ނަމަވެސް ހިތާމައަކީ އެބައެއްގެ ކިބައިން އަހަރެމެންނަށް ރައްކައުތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ރައްކައުތެރިކަން ނުހޯދޭ ކަމެވެ. ޖިންނީންނާއި ޝައިޠާނުންނަށް ނުފެންނާނެ ގޮތް ނުހަދާ ކަމެވެ. ގޭތެރޭގައި އުޅޭ ޖިންނީންނާއި ޝައިޠާނުން ޢާންމުގޮތެއްގައި ބަނޑަހަ ޖަހައިގެން ތިބޭނީ ފާޚާނާގައި ކަމަށްވާއިރުވެސް މެއެވެ. 

ފާޚާނާއަށް ވަންނަމުން ޛިކުރުކޮށް ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ފާޚާނާއަށް ވަންނަމުން ކިޔަން ބަޔާންވެގެންވާ ދުޢާ ކިޔުމުން ﷲ ތައާލާ އެމީހަކު ޖިންނީންނާއި ޝައިޠާނުންނަށް ފޮރުއްވަވައި ދެއްވަވާނެތެވެ. އެއީ ކިޔަން އެހައި އުނދަގޫ ދުޢާއެއްވެސް ނޫނެވެ. ނުހަނު ފަސޭހަ ދުޢާއެކެވެ.

ފާޚާނާއަށް ވަންނަމުން ކުރާ ދުޢާ: 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ 

ކުޑަކުދިން ގޮވައިގެން ފާޚާނާއަށް ވަންނަމަވެސް ދުޢާކިޔަންވާނެއެވެ. ކުޑަކުއްޖަކު އެކަނި ވެއްދި ނަމަވެސް ކިޔަންވާނެއެވެ. ކުއްޖާއަށް ދުޢާ ނުކިޔޭނަމަ މައިންބަފައިން ކިޔާނީއެވެ. އަދި އަވަހަށް ވަންނަންޖެހިގެން ނުކިޔައި ވަދެ ހަޑިވާފަހުން ހަނދާނެ ވެއްޖެނަމަ ހިތުން ކިޔާނީއެވެ. ހިތުން ކީ ނަމަވެސް ފުދޭނެއެވެ. 

ފާޚާނާ އިން ނުކުންނަމުން ކުރާ ދުޢާ:

غُفْرَانَكَ 

"ޣުފްރާނަކަ" (މިއަޅާގެ ފާފަ ފުއްސަވައި ދެއްވަވައި ދެއްވާނދޭވެ!) މިދުޢާ ކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެމެންނަކީ އަބަދުވެސް ﷲ ތަޢާލާއަށް ޛިކްރުކުރުންމަތީގައި ތިބެން ޖެހޭ ބައަކަށްވެފައި ފާޚާނާގައި ހުންނައިރު ޛިކްރު ނުކުރެވޭތީއެވެ. 

ފާޚާނާއަށް ވަންނައިރު އިސްކުރާނީ ވައަތުފައެވެ. ނުކުންނައިރު އިސްކުރާނީ ކަނަތު ފައެވެ. މިހެން ބުނީމާ ތިއައީ ދެން އެހައި މުހިންމު ކަމެއްތޯ ސުވާލުކޮށްފާނެއެވެ. ރަސޫލް (ޞޢވ) އެކަމެއް ކުރުމަށް ބަޔާން ކުރެއްވެވުމުން އެއޮތީ މުހިންމުވެފައެވެ. ކަމުގެ ކުޑަބޮޑުމިނަށް ބަލާކަށް ނުޖެހޭނެއެވެ. އެކަމެއް ކުރުމުން ފައިދާ ނުކުރާނެ އެއްވެސް ކަމެއް ކުރުމަކަށް ރަސޫލް (ޞޢވ) ބަޔާން ކުރައްވާފައެއް ނުވާނެއެވެ. އަދި ރަސޫލް (ޞޢވ) ބަޔާންކޮށްދެއްވަވަފައިވާ ކޮންމެ ކަމެއް، އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރުމުން ﷲ ތަޢާލާ ސަވާބު ދެއްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން