ރާއްޖޭގަ ވެސް ވިސްނަން ޖެހޭ މައްސަލައެއް!: ފާފައެއް ކުރަން ދަސްކޮށްދީފި ނަމަ ދުނިޔެ ނިމެންދެން ފާފަ އިތުރުވަމުން ދިއުމުގެ ފުރުޞަތު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ރާއްޖޭގަ ވެސް ވިސްނަން ޖެހޭ މައްސަލައެއް!: ފާފައެއް ކުރަން ދަސްކޮށްދީފި ނަމަ ދުނިޔެ ނިމެންދެން ފާފަ އިތުރުވަމުން ދިއުމުގެ ފުރުޞަތު ބޮޑު!

މިހާރަކަށް އައިސް މީސްތަކުންނަށް މަސްތުވާތަކެތި ވިއްކާ މީހުން މިދަނީ ގިނަވަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރަން ދަސްކޮށްދޭ މީހުން މިދަނީ ގިނަވަމުންނެވެ. ޒުވާން އަންހެން ކުދިން ލައްވައި ފާހިޝް އަމަލުތައް ހިނަގުވައި އެފަދަ ކަންކަމުގެ ތެރެއަށް ވައްދުވާ މީހުން މިދަނީ އިތުރުވަމުންނެވެ. 

މިފަދަ ނުބައި އަމަލުތައް ކުރަން މީސްތަކުންނަށް ދަސްކޮށްދީ އެކަމުގެ ތެރެއަށް މީސްތަކުން ވައްދުވާ މީހުން ދަންނާށެވެ! ރަނގަޅަށް ވިސްނާށެވެ! އެމީހަކަށް ލިބޭނީ ހަމަ އެކަނި އެމީހަކަށް ދަސްކޮށްދިން ކަމުގެ ފާފައެއް ނޫނެވެ. އެމީހަކަށް އެފަދަ ފާފައެއް ކުރަން މަގުފަހިކޮށްދިން ކަމުގެ ފާފައެއް ނޫނެވެ. ދަސްކޮށްދިން މީހާ ކުރާ ފާފަތަކުގެ އިތުރުން އެމީހާގެ ސަބަބުން ދަސްވާ އެންމެންގެ ފާފަތަކުން ވެސް ބައި އެޅޭނެއެވެ. ވީމާ އެކަމުގެ ސަބަބުން ދުނިޔެ ނިމެންދެން ނުވަތަ ޤިޔާމަތްވަންދެން އެމީހަކަށް ފާފަތައް އިތުރުވަމުން ދިއުމުގެ ފުރުޞަތު ކިތަންމެހައިވެސް ބޮޑެވެ. 

އަހަރެމެންނަށް މިއަދު މިއުޅެވެނީ މަރުވުމުން ސަވާބު އިތުރުވަމުން އަންނާނެ ކަމެއް ނުކުރެވިގެންނެވެ. އެހެންކަމުން މަރުވުމުން ގިނަ މީހުންގެ ހެޔޮ އަމަލުތަކުގެ ފަތް އެދަނީ ބަންދުވެގެންނެވެ. ނަމަވެސް އެމީހެއްގެ ސަބަބުން ފާފަކުރާ މީހުންގެ ޗޭނު ދެމިގެން އަންނަ ނަމަ އެމީހެއްގެ ފާފައިގެ ފަތް އޮންނާނީ ހުޅުވައިލެވިފައެވެ. ދުނިޔެ ނިމެންދެންވެސް ދާނީ ލިޔެވެމުންނެވެ. މީޒާނުގައި ޢަޛާބުގެ ކޮޅަށް ދާނީ ބަރުވަމުންނެވެ. 

ނިކަން ބުނެބަލާށެވެ! މިއީ ޤިޔާމަތް ދުވަހު ކެތް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ތިބާ ދަސްކޮށްދީ މަގުފަހިކޮށްދިނީ ހަމަ އެންމެ މީހަކަށް ކަމަށްވެދާނެއެވެ. ނަމަވެސް ކުރިން ބުނި ފަދައިން ދަސްކޮށްދެވުނު މީހާގެ ސަބަބުން އެ ޗޭނު ދެމިގެން އަންނަހައި ދުވަހަކު ތިބާގެ ބޮލުގައި އެދަނީ ފާފަތައް އެޅެމުންނެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަބުރު ގެއްލުވައިލާ މީހުންނާއި ހަށިވިއްކުމުގެ ބާޒާރަށް ކުދިން ނެރޭ މީހުން ނިކަން ވިސްނައި ބިރުވެތިވެބަލާށެވެ! އެފަދަ ގިނަ ކުދިންނަށް މުޖުތަމައުގައި ޙައްޤު މަޤާމެއް ނުލިބެއެވެ. ވަނީ ބާކީއެވެ. ލިބޭ މާޔޫސްކަމުގެ ސަބަބުން އިޞްލާޙްވާން ބޭނުންވަނީ ވެސް މަދުކުއްޖެކެވެ. ގިނަކުދިން އެ ނުކުންނަނީ ހަށިވިއްކުމުގެ ބާޒާރަށެވެ. އެކުދިންނަށް ގެންދެވެން ތިބި އެހެންކުދިންވެސް ގޮވައިގެންނެވެ. އެޗޭނަށް ނިމުން އަންނާނީ މިލިއަނަކުން އެންމެ ފަހަރަކު އެވެ. ވީއިރު ނިކަން ބުނެބަލާށެވެ! އެކަންކަން ކުރާ މީހުންގެ ސަލާމަތަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

މިއީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ކަމަށްވުމުން މިފަދަ އަމަލުތައް ކުރާ މީހުން ވިސްނައި ބިރުވެތިވުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން