ދަރިން ގޯސްވުމުން ނުވަތަ ނުރަނގަޅު ކަމެއް ކުރުމުން ކުށްވެރިކުރަނީ ދަރިންނެވެ. ދަރިފުޅު ގޯސްވި ސަބަބު މައިންބަފައިންނަށް އެނގޭ ކަމަސް ނުވެއެވެ. އެކަމުގެ ޙައްލަކީ ކޮބައިކަމާއިމެދު ނުވެސް ވިސްނައެވެ.
މިއަދުގެ ގިނަ ޒުވާނުންގެ ޙާލަތަށް ބަލާއިރު އެމީހުން ނިދާ ވަގުތަކީ މެންދަމު 12 ނުވަތަ މެންދަމުން އަލިވެ 2 ޖަހާއިރެވެ. އެހައިރުވަންދެން ކުރާ ކަމަކީ ރައްޓެހިންނާއިއެކު ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަމެއް ކުރަން ވަގުތު ހޭދަކުރުމެވެ. އެގޮތަށް އުޅެނިކޮށް ދިމާވާ ކުއްޖަކާއި ކައިވެނިކުރަނީއެވެ. ކައިވެނިކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަމެއްވެސް ނުއެނގެއެވެ. ކައިވެންޏަށްފަހު ތިމާގެ ބޮލުގައި ޒިންމާތަކެއް އެޅޭ ކަމާއި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމެއްވެސް ނުއެނގެއެވެ. މީހުން ކައިވެނިކުރާތީ ކައިވެނިކޮށްލަނީއެވެ. އެކައިވެންޏަށް ދަރިންވެސް ލިބެނީއެވެ. ކޮންމެހެން ދަރިއަކު ބޭނުންވެގެން ހޯދަނީއެއްވެސް ނޫނެވެ.
ރަނގަޅަށް އަޑު އަހާށެވެ! ކައިވެނިކުރުމަށްފަހު ދިރިއުޅުމަށް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ އަނބިންނާއިއެކު ވަގުތު ހޭދަކުރުމެވެ. އަނބިން ގެއަށް ނުވަތަ އެހެންވެސް ތަނަކަށް ދޫކޮށްލާފައި ގޮސް ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އަނބިންނާއިއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމެކެވެ. ހަމައެކަނި އަނބިންނާއިއެކުގައެއް ނޫނެވެ. އަނބިދަރިން ހިމެނޭ ގޮތަށް ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީނުގައި އަޅުކަމެކެވެ.
"ފިރިމީހާ މަސައްކަތުގައި އުޅެފައި ގެއަށް އަންނަނީ ރޭގަނޑުއެވެ. އައިސް ފެންވަރައިގެން ކަނީއެވެ. ކައިގެން ކުރާ ކަމަކީ ނޫސް ކިޔުމެވެ. ޓީވީ ބެލުމެވެ. ފޯނާއި ކުޅުމެވެ. ޢާއިލާގެ މީހަކާއި އަނގައިން ބުނުމެއް ނުއޮވެއެވެ. އަނބި ދަރިންނާއިވެސްމެއެވެ. އެގޮތަށް އިންދައި ނިދިޖެހުމުން އެދަށް އަރައި ނިދަނީއެވެ. މިއަދު ދިމާއަށް މިބުނަނީއެވެ. އެއީ "މޭޖަރ ސިން" (ބޮޑުފާފަ)އެކެވެ.
މިއަދު ބައެއް ފިރިހެނުންނަކީ އަދި އަންހެނުންނަކީ ވެސް ދަންވަރު 2،3 ޖަހަންދެން ސްކްރީނަކަށް ބަލައި ހޭން ތިބޭ ބައެކެވެ. ސްކްރީނަށް މީހުން ފޮނުވާ ތަފާތު އައިކޮންތައް ބަލާފައި ހޭނ ބައެކެވެ. އެހެން ތިއްބައި މީހަކު އަނގައިން ބުނެފި ނަމަ ބުނާނީ "ވަރަށް ބިޒީ" ކަމަށެވެ. ބިޒީ މިވަނީ މީހުން ފޮނުވާ އައިކޮންތައް ބަލާފައި ހޭނށެވެ.
މިފަދަ މީހުންނަށް އެމީހުންގެ ދަރިން ނުބައިމަގަކުން ދިއުމުން ދަރިން ކުށްވެރިކުރުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ދަރިންނަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުދީ ހުރުމަށްފަހުވެސް ދަރިންނަކީ ފުރިހަމަ ތަރުބިއްޔަތެއް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރާ މީހާއަށް އެހެރީ ކޮންމެވެސް ކަމެއް ވެފައެވެ. ފަރުވާއަށް ބޭނުންވެފައެވެ. އެހީތެރިކަމަށް ބޭނުންވެފައެވެ!
ވަށައިގެންވާ މާހައުލުގެ ސަބަބުން މިޒަމާނުގައި މިއުޅެނީ ދަރިން ތަރުބިއްޔަތުކުރަން ޖިހާދު ކުރި ނަމަވެސް އެކަމުގެ އެންމެ ރަނގަޅު ހޯދަން އުނދަގޫވެގެންނެވެ. ވީއިރު ދަރިންނަކީ އޮޓޮމެޓިކުން ތަރުބިއްޔަތު ކުރެވޭނެ ބައެއް ކަމަށް ހީކުރާ މީހާގެ ސިކުނޑީގައި ބޮޑެތި މައްސަލަތަކެއް ހުންނާނެއެވެ. ވީމާ ފުރަތަމަ ފަރުވާކޮށް ރަނގަޅުކުރަން ޖެހޭނީ އެމީހެއްގެ ސިކުނޑިއެވެ. ދަރިން އިޞްލާޙް ކުރެވޭނީ މި ޙަޤީޤަތް ޤަބޫލުކޮށްގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން