މިސުވާލުގެ ޖަވާބު ދެވޭނެގޮތަކަށް އާޚިރަތަށް ދާން ގަދައަޅައި މަސައްކަތްކުރާށެވެ!: މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މިސުވާލުގެ ޖަވާބު ދެވޭނެގޮތަކަށް އާޚިރަތަށް ދާން ގަދައަޅައި މަސައްކަތްކުރާށެވެ!: މުޙައްމަދު ހޮބްލޮސް

ﷲ ތައާލާ ވަޙީ ކުރައްވަވާފައި ވަނީ ނެތުމުގެ ތެރެއިން ތިމަން ﷲ ތިބާ އުފެއްދެވީ މަނިތިއްކަކުން ކަމަށެވެ. ބޮޑު ކުރެއްވެވީ މައިމީހާގެ ބަނޑުގައި ތިމަން ﷲ ލެއްވެވި 3 ފަށަލައިގެ ތެރޭގައި ކަމަށެވެ. އެ 3 ފަށަލައިގެ ތެރޭގައި ތިބާ ލައްވަވައި އިންސާނެއްގެ ސިފަ ދެއްވަވައި ފުރާނަ އަޅުއްވަވައި ބޮޑުކުރައްވަވައި ދުނިޔެއަށް ނެރުއްވެވީ ތިމަން ﷲ ކަމަށެވެ. 

ނިކަން ބުނެބަލާށެވެ! މައިމީހާގެ ބަނޑުން ވިހެއުމުގެ ކުރިން ތިބާ ކޮބައި ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ޢިލްމް ދެއްވެވުމުގެ ކުރިން ތިބާގެ ކިބައިގައި ވަނީ ކޮން ޢިލްމެއް ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވެވުމުގެ ކުރިން ތިބާގެ ކިބައިގައިވަނީ ކޮން ތަނަވަސްކަމެއް ހެއްޔެވެ؟ 

ނެތުމުގެ ތެރެއިން ތިބާ އުފަން ކުރައްވަވައި އެންމެހައި ނިޢްމަތްތަކެއް މިންވަރު ކުރެއްވެވުމުން ތިބާ މިއަދު ﷲ ތަޢާލާގެ މަތިން ހަނދުމައެއް ނުކުރެއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަނެއްވެސް ނުވެއެވެ. މިއަދު ތިބާއަށް ވަނީ އެކުވެރިން ލިބިފައެވެ. ލޯބިވެރިން ލިބިފައެވެ. ސޯޝަލް މީޑިއާ ލިބިފައެވެ. ރަނގަޅު ވަޒީފާ ލިބިފައެވެ. ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިވެފައެވެ. މިހެން ގޮސް އެތައްއެތައް ކަމެއް ފުރިހަމަވެފައެވެ. ހަމަ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުންނެވެ. 

ރަނގަޅަށް ވިސްނާށެވެ! ތިބާ އާއި ކުރިމަތިވެދާނެ އެއް ސުވާލަކީ މިހުރިހާ ނިޢްމަތްތަކެއް ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލިއިރު، އަދިވެސް މިކުރަނީ ހަމަ އެ ސުވާލެވެ. އެ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވެވުމުގެ ކުރިން ތިބާ ކޮބައިހެއްޔެވެ؟ މިދުނިޔެއަށް އުފަން ކުރެއްވެވުމުގެ ކުރިން ތިބާ ކޮބައި ހެއްޔެވެ؟ ތިބާ ދުނިޔެއަށް އުފަންވީ އަދި ތިބާއަށް މިއަދު ލިބިފައިވާ ނިޢްމަތްތައް ތިބާއަށް ލިބިފައިވަނީ ތިބާގެ ބައިވެރިން ކަމަށް މިއަދު ތިބާ ތިއަ ބަލާ ބައިވެރިންގެ ސަބަބުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކުރީ ވަރަށް ބޮޑު ސުވާލެކެވެ! ވަރަށް މުހިންމު ސުވާލުތަކެކެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވެ ހިތަށް އެރިހައި ގޮތަކަށް ތިއަ އުޅޭއިރު ޤިޔާމަތް ދުވަހު މިސުވާލުތައް ތިބާ އާއި ކުރިމަތި ކުރައްވަވައިފި ނަމަ ތިބާއަށް ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ވީމާ މިބަޔާން ކުރި ކަންކަމަށް ފުންކޮށް ވިސްނައިލާށެވެ! ބުއްދީގެ ބޭނުން ހިފާ މީހަކަށްވާށެވެ. ބުއްދިގެ ބޭނުން ހިފުމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރުވެރި ނުވެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއި މެދު ވިސްނައިލާށެވެ!   

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން