ތިބާ ކަންކަމަށް އެދި ދަންނަވާ އަޑު ﷲ ތަޢާލާ އައްސަވައި ވޮޑިގެންވެއެވެ. 24 ގަޑިއިރުގެ ތެރެއިން ކޮންމެ ވަގުތަކު ﷲ ތަޢާލާއަށް ތިބާ ދެންނެވި ނަމަވެސް ތިބާގެ އަޑު އައްސަވައިވޮޑިގަތުމަށް ﷲ ތަޢާލާއަށް ވަގުތު ލިބިވޮޑިގެންވެއެވެ. ތިބާއަށް ﷲ ތަޢާލާގެ ގޮވާލެއްވެވުންތަކުގެ އަޑު އަހާނެ ވަގުތު ވޭހެއްޔެވެ؟ އެންމެ ކުޑަމިނުން ދުވާލަކު 5 ފަހަރު ގޮވައިލެވޭ ބަންގީގެ އަޑު އިވޭ ހެއްޔެވެ؟ އެންމެ 5 ފަހަރު ނަމާދުކުރާނެ ވަގުތު ތިބާއަށް ލިބޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ އަޑުފުޅު އަހަން ޖެހެއެވެ. ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ﷲ ތައާލާގެ އަޑުފުޅު ކަމުގައި މާނަ ކުރައްވަވަނީ ކީރިތި ޤްރުއާނާއި ބަންގީގެ އަޑެވެ. އަދި ވަޙީ ބަސްފުޅުތަކުގެ އަޑު ސީދާ އަހަރެމެންގެ ކަންފަތަށް ނުއިވުނު ކަމުގައިވީނަމަވެސް މެދުކެނޑުމެއް ނެތި 2 ގޮތަކުން ދަނީ އަޑު އިވެމުންނެވެ. އެއީ ކީރިތި ޤްރުއާނާއި ބަންގިއެވެ.
ވީއިރު ކީރިތި ޤްރުއާނަށާއި ބަންގިއަށް އަހަރެމެންނަށް އިޖާބަ ދެވޭ ހެއްޔެވެ؟ މި ސުވާލު ހަމަކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލުން ރަނގަޅުވާނެއެވެ. ޚާއްޞަކޮށް ތިމާ އެދި ދަންނަވާ ކަންކަން ހިންމަވައި ދެއްވެވުން ލަސްވެގެން އުޅޭ މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވިސްނައިލުން ބުއްދިވެރިއެވެ.
އަހަރެމެން އެބަ ބުނަމުއެވެ. "އަހަރެމެން ކިތިބީ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތްތަކަށް އީމާންވެގެންނެވެ. ކީރިތި ޤްރުއާނުގައި ފުރިހަމައަށް ހިފަހައްޓައިގެންނެވެ." ކީރިތި ޤްރުއާން ކިޔެވި ވަރަކަށް އެދަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް ކިޔެވެމުންނެވެ. ކީރިތި ޤްރުއާނުގެ އަޑު އެހިވަރަކަށް އެދަނީ ﷲ ތައާލާގެ ވަހީ ބަސްފުޅުތަކުގެ އަޑު އިވެމުންނެވެ. ސުވާލަކީ މިކަންކަން ކުރެވޭ ހެއްޔެވެ؟ ކުރެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟
ކީރިތި ޤްރުއާނަށް އަމަލުކުރުން ގިނަކުރާށެވެ! ބަންގީގެ އަޑަށް ވަގުތުން އިޖާބަދޭށެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކަށް ޢިޖާބަ ދިނުމަކީ އެއީއެވެ. ﷲ ތަޢާލާގެ ވަހީ ބަސްފުޅުތަކުގެ އަޑު އިވޭކަމަށް ވާނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން